ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 14:34
ކުޅުދުއްފުށި އެއަރޕޯޓް ހެދުމަށް ނިންމާފައިވާ ގޮތުގެ ޕްލޭން
ކުޅުދުއްފުށި އެއަރޕޯޓް ހެދުމަށް ނިންމާފައިވާ ގޮތުގެ ޕްލޭން
ޓްވިޓަރ
ކުޅުދުއްފުށި އެއާޕޯޓް
ކުޅުދުއްފުށި އެއަރޕޯޓް – ރާއްޖޭގެ ހަންބަންތޯޓާ؟
ލަންކާގެ ހަމްބަންތޯޓާ އެއަރޕޯޓަކީ ވެސް ބޮޑެތި އުއްމީދުތަކަކާ އެކު ހެދި އެއަރޕޯޓެއް، މިހާރު އެތަނުން ވަނީ ގެއްލުން
އެކަށީގެންވާ ޓްރެފިކެއް ނެތި ކައިރިކައިރީގައި ދެ އެއަރޕޯޓް ހެދުމަކީ އިޤްތިޞާދީ ގޮތުން ގެއްލުން ބޮޑު ކަމެއް
ކުޅުދުއްފުއްޓާއި ހަނިމާދޫ އެއަރޕޯޓުން ފައިދާ ހޯދަން ބޭނުން ނަމަ ތިލަދުންމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަކަށް ހަދަން ޖެހޭ

ހދ. ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަޔަކީ ކޮންމެވެސް ވަރަކަށް ދައްކައި އުޅުނަސް، ރައީސް ޔާމީންގެ ރިޔާސީ ވައުދަކަށް ވުމުގެ ކުރިން ރާއްޖޭގެ އެންމެން ދައްކައި އުޅުނު ވާހަކައެއް ނޫނެވެ. ކުޅުދުއްފުށިން ފުރައިގެން މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެވޭހާ ކައިރީގައި، އެންމެ ވިއްސަކަށް ކިލޯމީޓަރު ދުރުގައި ހަނިމާދޫގައި އެއޮތީ އެއަރޕޯޓެކެވެ. ވިއްސަކަށް ކިލޯ މީޓަރަކީ މާދުރެއް ނޫނެވެ. އަޅުގަނޑުމެން ދިވެހިން ސިލޯނަށް ގޮސް، ކަޓުނަޔަކައިގައި އޮންނަ ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިން އާއްމުކޮށް ދިރިއުޅޭ ދެހިވަލަޔަށް ދާން ޓްރެފިކްގައި ޖެހިގެން ކުރާ ދަތުރަކީ ވެސް ގާތްގަނޑަކަށް 40ހަކަށް ކިލޯމީޓަރުގެ ދަތުރެކެވެ. ހަނިމާދޫގައި އެއަރޕޯޓެއް އޮއްވައި ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމަކީ އައްޑޫ ގަމުގައި އެއަރޕޯޓެއް އޮއްވައި ހިތަދޫ އުތުރު ކޮޅުގައި އެއަރޕޯޓެއް އެޅުން ކަހަލަ ކަމެކެވެ. ދާދި އެއް ދުރުމިނެކެވެ. ނުވަތަ ލ. ފޮނަދޫގައި އެއަރޕޯޓެއް އަޅައި އަނެއްކޮޅުން ގަމު ތުނޑީކޮޅުގައި އެއަޕޯޓެއް އެޅުންކަހަލަ ކަމެކެވެ.

ދަންނަވަން މިއުޅެނީ އިޤްތިޞާދީ ގޮތުން ބަލާއިރު، ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމަކީ ފީސިބަލް ކަމެއް ނޫން ވާހަކައެވެ. ދުވާލެއްގެ މައްޗަށް ހަނިމާދޫއަށް މިހާރުވެސް އެވްރެޖްކޮށް ފަސް ފްލައިޓް މޯލްޑިވިއަން އިން ދަތުރުކުރެއެވެ. ޑޭޝް 8 މަރުކާގެ މަތިންދާބޯޓުތަކުގައި މޯލްޑިވިއަން އިން ހަނިމާދޫއަށް އުފުލަނީ ހަމައެކަނި ކުޅުދުއްފުއްޓަށް ދާ މީހުންނެއް ނޫނެވެ. ހއ. ހދ އަދި ށ. އަތޮޅުގެ އުތުރު ބުރީގެ ރަށްތަކަށް ދާ މީހުން ދަތުރުކުރާނީ ހަނިމާދޫ މަގުންނެވެ. އަދި ހއ. ގައި އޮތް 2 ރިޒޯޓާއި ށ. އަތޮޅުގައި އޮތް ހަމައެކަނި ރިޒޯޓަށް ވެސް ކަނޑަށް ޖައްސާ މަތިންދާބޯޓުގައި ނޫން ގޮތަކަށް ފަތުރުވެރިން ދިޔަޔަސް ދާން ޖެހޭނީ ހަނިމާދޫ މަގުންނެވެ.

ކަން މިހެން ހުރި އިރު، ކުޅުދުއްފުށީގައި އެއޮތް ކުޅި ހަލާކުކުރުމަށް ފަހު އެތަނުގައި އެޕޯޓެއް އެޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެތަނުގައި އެއަރޕޯޓެއް އަޅާ ނަމަ ހަނިމާދޫ އެއަރޕޯޓް ޖެހޭނީ ބަންދުކުރާށެވެ. އެހެން ނޫން ނަމަ ކުޅުދުއްފުށި އެއަރޕޯޓަށް ޖެހޭނީ ލަންކާގެ ހަންބަންތޯޓާގައި ހެދި އެއަރޕޯޓަށް ޖެހުނު ހާލެވެ. ސިޔާސީ ބޭނުމަކަށްޓަކައި އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސް އޭނާގެ އަމިއްލަ ސަރަހައްދުގައި ބޮޑު ޚަރަދުކޮށްގެން އެއަރޕޯޓެއް އެޅުމުން ދިމާވި ގޮތެވެ. އަޅާނިމޭއިރު، އިޤްތިޞާދީ ގޮތުން ދެކޮޅު ނުޖެހި، އެއަރޕޯޓުން ވާ ފައިދާއަށްވުރެ ލިބޭ ގެއްލުން ވާނީ ބޮޑެވެ.

ކުޅުދުއްފުއްޓަށް ދުވާލަކު އެއް ފްލައިޓް އަޅައިގެން ޚަރަދުތައް ދެކޮޅު ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. ހަނިމާދުއަށް މިހާރު ވެސް އެވްރެޖްކޮށް ދުވާލަކު ފަސް ފްލައިޓް ބާއްވަމުން އަންނައިރު، ކުޅުދުއްފުއްޓަށް ދުވާލަކު ދެ ފްލައިޓް ބާއްވައިގެން ޚަރަދު ވަނީ ބޮޑެވެ. އެއް ފްލައިޓް ޑައިރެކްޓްކޮށް އަދި އަނެއް ފްލައިޓް ދަރަވަންދޫގައި، ނުވަތަ އިފުރުގައި ޓްރާންސިޓްކޮށްގެން ވެސް އަހަރުގެ ބޮޑު ބައިގައި ސީޓްތައް ފުލް ނުވާނެކަން ޔަޤީނެވެ. ސްކޫލް ޗުއްޓީއާ ދިމާކޮށް ފުލް ނުވާނެއެކޭ ނޫނެވެ. ދެން އޮތީ ޓްރާންސިޓް ފްލައިޓްތައް ބޭއްވުމެވެ. އިފުރު ނުވަތަ ދަރަވަންދޫގައި ޓްރާންސިޓްކުރުމަށް ފަހު ކުޅުދުއްފުއްޓަށް ދަތުރުކުރުމަކީ ކިހާ ބޮޑު ޚަރަދެއްކަން މޯލްޑިވިއަންގެ އިސް ބޭފުޅުންނަށް ރަނގަޅަށް އެނގިލައްވާނެއެވެ. އަދި އޭގެ ސަބަބުން އިތުރު ވެގެންދަނީ ކިތައް ޓޭކް އޯފް އަދި ލޭންޑިންގ ކަމާއި، އެކަމުގެ ސަބަބުން މަތިންދާބޯޓަށް ކުރާނެ އަސަރު "ރޯނު އެދުރުން" ކިޔައިނުދިނަސް މޯލްޑިވިއަންގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާނެއެވެ.

މިމައްސަލައަށް އޮތް ހައްލެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ގޮތަކީ މިހާރު ދަތުރުކުރާ ފްލައިޓްތައް ހަނިމާދޫއަށާއި ކުޅުދުއްފުއްޓަށް ބަހާލުމެވެ. އޭގެ ސަބަބުން ހަނިމާދޫގެ އެއަރޕޯޓަށް ވާނީ ގެއްލުމެވެ. އެއްތަނުގެ ބަދަލުގައި ދެ ތަނުން ވާނީ ގެއްލުމެވެ. އެހެންކަމުން މީގައި ކޮޅެއްގައި ޖެހޭނެ ގޮތެއް ނެތެވެ. 

ކުޅުދުއްފުއްޓަށް ވުރެ އާބާދީ ބޮޑު، އަދި އެންމެ ކައިރީގައި އޮތް އެއަރޕޯޓުން ސްޕީޑް ލޯންޗެއްގައި ފުރައިގެން އެއް ގަޑިއިރުން ދެވޭ ފުވައްމުލަކުގައި އެއަރޕޯޓެއް އެޅުމުން ކަންތައް ވީ ކިހިނެއްތޯއެވެ؟ އެއަރޕޯޓް ހިންގައިގެން ގެއްލުންވާނެތީވެ އެސްޓީއޯ އަށް ވެސް ޖެހުނީ ޓޫރިޒަމަށް ބޭނުންކުރަން ރަށެއް ދޭށެވެ. ކުރި ޚަރަދާއި އަޅާބަލާއިރު އުފެދުނު މާގިނަ ވަޒީފާތަކެއް ނެތެވެ. 

މިހާރު ވެސް ހަނިމާދޫ އާއި ކުޅުދުއްފުއްޓާ ދެމެދު އޮންނަ ފެރީގެ ނިޒާމް ވަރުގަދަކޮށްގެން، އެއަރޕޯޓެއް ހިންގުމަށް ވުރެ ގިނަ ވަޒީފާ އުފެދޭނެކަން ޔަޤީނެވެ. އީއައިއޭ ރިޕޯރޓްގައި ވެސް، އަދި ލާމަރުމަޒީ ތަރައްޤީގެ ވިސްނުން ގެންގުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިމައްސަލައިގައި އަރުވާ ލަފަޔަކީ އެއީއެވެ. ކުޅުދުއްފުއްޓާއި ހަނިމާދުއާ ދެމެދު މިހާރު ޝެޑިއުލްކުރެވިގެން ބޭއްވެނީ މަދު ފެރީއެކެވެ. ކޮޅަކަށް 250ރ. އެވެ. އެހެން ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ފެރީގެ ނިޒާމެއް ހަނިމާދޫއަށް ދިޔުމަށާއި މުޅި ތިލަދުންމަތީގައި ދަތުރުކުރުމަށް ޤާއިމްކޮށްފި ނަމަ ޚަރަދުގެ ގޮތުން ވެސް ފައިދާވާނެއެވެ. އަދި ގިނަ ވަޒީފާ އުފެދި، އިޤްތިޞާދަށް އޭގެ ފައިދާ ކުރާނެއެވެ. އެ ދެމެދުގެ ދަތުރުގެ އަގު މިހާރު ބޮޑުވެގެން އުޅެނީ ފްލައިޓްތައް އަންނަ ގަޑިތަކާ ދިމާކޮށް ފެރީގެ ނިޒާމެއް ނެތުމުންނެވެ. އެހެންކަމުން ދަތުރެއްގެ އަގު 1،500ރ. އަރާ ފަހަރު ވެސް އާދެއެވެ. 

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ކޮންމެ ކޮންމެ ރަށެއްގައި އެއަރޕޯޓެއް ނޯވެއެވެ. ސަބަބަކީ ތިމާމެންގެ ރަށުގައި އެއަރޕޯޓެއް އޮވެޔޭ ބުނެލުމުގެ ހިތްހަމަޖެހުމަށް ވުރެ ވިސްނާ ނުލައި ކޮންމެ ކޮންމެ ތާކު އެއަރޕޯޓެއް އެޅުމުން ލިބޭ ގެއްލުން ބޮޑުވުމެވެ. ގަދަބަސް ބުނެފައި މީހަކު އެއަރޕޯޓެއް އަޅާނަމޭ ބުނެވުނީތީ އެއަރޕޯޓެއް އަޅާލުމަކުން އެހިސާބުން އެކަން ނިމުނީއަކީއެއް ނޫނެވެ. ރަށުގެ ޤުދުރަތީ މުއްސަނދިކަން ހަލާކުކޮށްލުމަށް ފަހު އަޅާ އެއަރޕޯޓަކުން ލިބޭ އިޤްތިޞާދީ ގެއްލުން ބޮޑުވުމުން، އެއްކަލަ ވެރިމީހާ އަށް އެ ކުރެވުނީކީ މޮޅުކަމެއް ނޫނެވެ. އެއީ އިޤްތިޞާދަށް ދެވޭ ގެއްލުމެކެވެ. ލަންޑަން އަދި ނިއުޔޯކް ފަދަ ސިޓީތަކުގައި ވެސް މައި ދެ އެއަރޕޯޓް އެ އޮންނަނީ ފަސިންޖަރުންގެ އަދަދު އެތައް މިލިއަނަކަށް އަރައި، ނުކަތާ ވަރުވެގެންނެވެ. ދުވާލަކު ފަސް ފްލައިޓް ޖައްސައިގެންނެއް ނޫނެވެ. 

ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅާއިރު، ޤައުމީ އެއަރލައިން ނޫން އެއަރލައިނަކުން އެތަނަށް ދަތުރުކުރާނީކީ ނޫނެވެ. އަމިއްލަ އެއަރލައިންތަކެއް ރާއްޖޭގައި ހުރި ނަމަވެސް ޕްރައިވެޓް ސެކްޓަރއަށް ސަރުކާރުން ފުރުސަތެއް ނުދެއެވެ. ކުދި ވިޔަފާރިވެރިން ކޮޅަށް ޖަހަނީ ކަމަށް ބުނެ ބަޔަކު މީހުންގެ ބޮލަށް ސަރުކާރުން އެރުނު ނަމަވެސް އެއަރލައިން އިންޑަސްޓްރީ ފަދަ އިންޑަސްޓްރީތަކަށް ސަރުކާރުން އަޅަނީ ހުރަހެވެ. އެހެން ކަމުން ކިތަންމެ އެއަރޕޯޓެއް އެޅިޔަސް މިސިނާޢަތަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ނުދޭ ނަމަ އެކަމުގެ ފައިދާއެއް ޤައުމަކަށް ނުކުރާނެއެވެ.

ކުޅުދުއްފުށީގައި އަޅާ އެއަރޕޯރޓް ލަންކާގެ ހަންބަންތޯޓާ އެއަރޕޯޓަށް ވީހެން ވާން ދޫކޮށްލައިގެން ނުވާނެއެވެ. ބޮޑު ޚަރަދުކޮށްގެން ބޮޑު އެއަރޕޯޓެއް އަޅާއިރު، އޭގެ ކުރިން ވަރަށް ގިނަ ހިސާބުތަކެއް ޖަހަން ޖެހެއެވެ. ނަމްބަރުތައް އެއްކޮށް، ކަނޑާ، ގެއްލަން ޖެހެއެވެ. ހަންބަންތޯޓާ އެއަރޕޯޓް ވެސް ވެފައިއެވަނީ ލަންކާ ސަރުކާރަށް ބޮލުގެ ރިހުމަކަށެވެ. އެތަނުން ފައިދާއެއް ނުވެ ގެއްލުންވަމުންދާއިރު، އެތަން ހަދަން ނެގި ލޯނުތަކަށް އެއުޅެނީ ފައިސާ ނުދެއްކިގެންނެވެ. އޭގެ ބަދަލުގައި ލޯނުތަކުން ސަލާމަތްވުމަށް އެހެން ގައުމުތަކުގެ އަޅަކަށް ވާން ވަނީ ޖެހިފައެވެ. 

ހަނިމާދޫގައި އެއަރޕޯޓެއް އޮއްވައި ކުޅުދުއްފުށީގައި އެއަޅާ އެއަރޕޯޓުގެ ބޭނުން ހިފޭނީ ތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާކުރެވިގެންނެވެ. ޓޫރިޒަމް ނެތް ހދ އަށް ޓޫރިޒަމް ގެންގޮސްގެންނެވެ. އަސްލު މައްސަލައަކީ އެއީއެވެ. ހަނިމާދޫ އެއާޕޯޓުގެ ބޭނުން ވެސް އަދި ދަތުރުފަތުރުގެ ނިޒާމެއް ވެސް ނެތުމުގެ މައިގަނޑު ސަބަބަކީ އެ އަތޮޅުގައި ޓުއަރިޒަމް ނެތުމެވެ. އެހެންކަމުން ޓޫރިސްޓުން އުފުލާނެ ދަތުރުތަކެއް ނެތެވެ. ދަތުރުތައް ބާއްވަންޖެހޭ މާ ބޮޑު ސަބަބެއް ވެސް ނެތެވެ. އެކަން ހައްލުކުރެވޭނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަކަށް ބޮޑު ތިލަދުންމަތި ހަދައިގެންނެވެ. ހަފްތާ ބަންދަށް ރަށަށް ޖައްސާލަން ބޭނުންވާ އާއިލާތަކަށް އެކަން ކޮށްލެވޭނެ ވަރުގެ މުސާރައެއް ލިބިގެންނެވެ. އެހެން ނޫނީ ކުޅުދުއްފުށީ އެއަރޕޯޓް ވެގެންދާނީ ހަމަ ލަންކާގެ ހަންބަންތޯޓާގެ އެއަރޕޯޓަށް ވީހެން، ރައްޔިތުން އުއްމީދުކުރި ވަރުގެ ފައިދާތަކެއް ނުލިބޭ، ފަހުން އަންނަން އޮތް ސަރުކާރަކަށް އޮތް ބޮޑު ބޮލު ރިހުމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 އޮކްޓޯބަރ 2017 | ހޮނިހިރު 15:01
ތިމަންނަ
ސަރުކާރަށް ބޮލުރިހުމަކަށް ވިއަސް ޖީބު ހާދަ ބުރަވެގެން ދެއެވެ. .