ކްރިއޭޓިވް ގޯމޭ ބްރޭންޑްގެ މިކްސްޑް ބެރީޒް ބާޒަރުން ނަގަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެންގިއިރު، އޮސްޓްރޭލިއާގެ މާކެޓްތަކުން އެ ޕްރޮޑަކްޓް ނަގަން މިދިޔަ ޖޫން މަހު ލަފާދީފައިވާކަން ހާމަވެއްޖެއެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސަރވިސަސް އިން ނެރުނު ހެލްތު އެލަރޓްގައި ބުނެފައިވަނީ ކްރިއޭޓިވް ގޯމޭ ބްރޭންޑްގެ މިކްސްޑް ބެރީޒްގެ 300 ގްރާމްގެ ޕެކެޓްތަކުން ހެޕަޓައިޓިސް އޭ ޖަރާސީމު ފެނުމުގެ ފުރުސަތު އޮތުމުން ބާޒާރުން ނަގަން ނަސޭހަތްތެރިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ކްރިއޭޓިވް ގޯމޭ ބްރޭންޑް އުފައްދާ އޮސްޓްރޭލިއާގެ އެންޓައިސް ފުޑް އިންގްރީޑިއަންޓްސްއިން ބުނީ ބަންދުކޮށްފައި ހުރި ހަތް ޕެކެޓް ނަގައިގެން ސާމްޕަލް ޓެސްޓްތަކެއް ހެދިއިރު ވެސް ހެޕަޓައިޓިސް އޭ ފެނިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އާއްމުންގެ ކަންބޮޑުވުންތަކަށް ބަލައި، އެބެޗް ބާޒާރުން ނެގުމަށް އެންގީ ކަމަށެވެ.
ކްރިއޭޓިވް ގޯމޭ ބްރޭންޑްގެ ތަކެތި ރާއްޖެއިން ލިބެން ހުރި އެއް ފިހާރަ ކަމަށްވާ ފެންޓަސީން ބުނީ ކަސްޓަމަރުންގެ ކޮމެންޓްތަކާ ގުޅިގެން އެފިހާރައިން މިދިޔަ ހޮނިހިރު ދުވަހު އެބާވަތުގެ މިކްސްޑް ބެރީޒް ނަގާފައިވާ ކަމަށާއި، އަދި އެދުވަހުން އެދުވަހަށް އޮސްޓްރޭލިއާ ކުންފުންޏަށް އެކަމާއި ބެހޭ މައުލޫމާތު ސާފުކުރަން އީމެއިލްކުރި ކަމަށެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހަކީ އޮސްޓްރޭލިއާއަށް ހަފްތާ ބަންދުކަމުން އެމެއިލްއަށް ޖަވާބު ލިބުނީ ހޯމަ ދުވަހު ކަމަށާއި، ޖޫން މަހު އެޕްރޮޑަކްޓް ބާޒާރުން ނަގަން އެންގި އެންގުން ރާއްޖެއަށް އެންގިފައި ނުވަނީ އޮޅުމަކުން ކަމަށް އޮސްޓްރޭލިއާ ކުންފުނިން ބުނެފައިވާ ކަމަށް ވެސް ފެންޓަސީން ބުންޏެވެ. މިއީމެއިލްގެ ކޮޕީއެއް ރާއްޖެ.އެމްވީއަށް ލިބިފައިވާއިރު، އީމެއިލް ފެންޓަސީއަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރުއެވެ. ފެންޓަސީއަކީ މި ޕްރޮޑަކްޓްގެ ސޯލް ޑިސްޓްރިބިއުޓަރަށް ނުވާތީ މިބާވަތުގެ މިކްސްޑް ބެރީޒް އެހެން ކުންފުންޏަކުން ވެސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު އެބައޮތެވެ.
އޮސްޓްރޭލިއާގެ ސަރަހައްދީ ސަރުކާރަކުން ނެރުނު ހެލްތު އެލަރޓެއް ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެނގުން ލަސްވީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ. ވިކްޓޯރިއާގެ ހެލްތު ޑިޕާޓްމަންޓުން ނެރުނު ހެލްތު އެލަރޓްގައި ބުނެފައި ވަނީ ހެޕަޓައިޓިސް އޭގެ ނިޝާނެއް ނެތް ނަމަ އެބެޗްގެ ބެރީޒް ބޭނުންކުރި ނަމަވެސް ކޮންމެހެން ޑޮކްޓަރަށް ދައްކަން ނުޖެހޭނެ ކަމަށެވެ.