ކުޅުދުއްފުށީގައި އޮންނަ "ކުޅި" ނެގީމާ އެރަށް އެހެން ރަށަކަށް ވެގެންދާނެ ކަމަށާއި އެރަށަށް ބޭނުން ވަނީ އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން އެރަށުގެ "މަށި ކުޅި" ހިއްކުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތައް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށިން "ކުޅި" ނެގީމާ އެއީ އެހެން ރަށެއް ކަމަށާއި ކުޅުދުއްފުއްޓަށް ބޭނުމީ އިތުބާރާއެކު ގަޑިއަށް، ބާރަށް، އަދި އަވަހަށް ދަތުރު ކުރެވޭ ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ.
Kulhi-Duh-Fushi in kulhi negeema eyi ehen rasheh.KF a beynumi ithubaraieku gadiah,baarah,avahah dhathuru kureve 'dhathurufathuruge nizam' eh
— Mohamed Nasheed (@MohamedNasheed) October 23, 2017
ކުޅުދުއްފުށީ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފާ) އެރަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ކައުންސިލުން ބުންޏެވެ. އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ.
މީގެ އިތުރުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވަނީ އެއާޕޯޓް އަޅާއިރު އެރަށު އުތުރު ފަރާތުން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ ކަމަށެވެ. އަދި އެ ގޯތިތައް ސަރުކާރަށް ނަގަނީ އެއާޕޯޓް އެޅުމަށް ޖާގަ ބޭނުންވާތީ ކަމަށް ކައުންސިލުން މައުލޫމާތު ދީފައި ވެއެވެ.
ސަރުކާރަށް ނަގާ ގޮތަށް ކަނޑައަޅާފައިވާ 18 ގޯތީގެ ތެރެއިން ނުވަ ގޯތީގައި މީހުން ދިރިއުޅެއެވެ. އަދި އެއީ 3،200 އަކަފޫޓްގެ ގޯތިތަކެކެވެ.
އެއަރޕޯޓް އެޅުމަށް ކުޅުދުއްފުށީ ކުޅި ހިއްކުމަށް ސަރުކާރުން ނިންމުމުން ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގިނަ ބައެއްގެ ފާޑު ކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކުޅުދުއްފުއްޓަކީ މިހާރު ވެސް ބާރަށް ދުވާ މާލެ ދަތުރުކުރާ ގިނަ އުޅަނދުތަކެއް އޮންނަ ރަށެކެވެ. އަދި އުތުރުގެ ތިން އަތޮޅުގެ ގިނަ މީހުން ދަތުރުކޮށް އުޅެނީ ވެސް ކުޅުދުއްފުށީގެ އެ ބޯޓްތަކުންނެވެ. ކައިރީގައި ޖެހިގެން އޮތް ހަނީމާދޫގައި މިހާރު ވެސް އެއާޕޯޓެއް އެބަ އޮތެވެ.