ކްރިއޭޓިވް ގޯމޭ މަރުކާގެ ގަނޑުކުރި މިކްސްޑް ބެރީޒްގެ 300 ގްރާމް ޕެކެޓްތަކެއް ހެޕަޓައިޓިސް އޭ ޖަރާސީމުން ތަޣައްޔަރުވެފައި ހުރުމުގެ ސަބަބުން ބާޒާރުން އެތަކެތި ނެގުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތީރިޓީއިން ފަށައިފިއެވެ. އެފްޑީއޭއިން ބުނި 2021ވަނަ އަހަރުގެ ޖަނަވަރީ 15ވަނަ ދުވަހަށް މުއްދަތު ހަމަވާ މިކްސްޑް ބެރީޒްގެ ބެޗުގައި ހެޕަޓައިޓިސް އޭ ޖަރާސީމު ހުރުމުގެ ފުރުސަތު އޮތުމުން އޮސްޓްރެލިއާ އަދި ނިއުޒިލޭންޑްގެ ކަމާއި ބެހޭ އިދާރާތަކުން އެޤައުމުތަކުގެ ބާޒާރުން އެބާވަތްތައް ނެގުމަށް އަންގާފައިވާކަމަށާއި، ރާއްޖޭގެ ބާޒާރުންވެސް އެބާވަތުގެ ގަނޑުކުރި މިކްސްޑް ބެރީޒް ފެނިފައިވާތީ އެތަކެތި ނެގުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި މިބާވަތުގެ މިކްސްޑް ބެރީޒް ރާއްޖެ އެތެރެކޮށް ވިއްކުން މިހާރު މަނާކޮށްފައިވާއިރު، ބާޒާރުން މިތަކެތި ފެނިއްޖެނަމަ އެފްޑީއޭގެ 3014361 ނަމްބަރަށް ގުޅައި، އެކަން އެއިދާރާގެ ސަމާލުކަމަށް ގެނައުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ ބުނެފައެވެ.
އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގެ ކަމާއި ބެހޭ ފަރާތްތަކުން މިބާވަތުގެ މިކްސްޑް ބެރީޒް ބާޒާރުން ނަގަން އެންގި އިރު، މިދިޔަ ޖޫން މަހު ކްރިއޭޓިވް ގޯމޭ ބްރޭންޑްގެ މިކްސްޑް ބެރީޒްގެ ބެޗްތަކެއް ނެގުމަށް އެކުންފުނިން މަސައްކަތް ކޮށްފައިވެއެވެ. ޖޫން މަހު މިކަމުގައި ފިޔަވަޅު އަޅަން އެކުންފުނިން ނިންމީ މީގެ 2 އަހަރުކުރިން މިކްސްޑް ބެރީޒް ކެއި ބައެއްގެ ގައިން ހެޕަޓައިޓިސް އޭ ފެނުނު މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.