މަޖިލީހުގެ މަދު މެމްބަރުން ކޮޅެއްގެ ތާއީދާއެކު ދިވެހިރާއްޖެއިން ސްރީލާންކާއަށް ކަނޑައެޅުއްވުމަށް ފާސްކުރެއްވި މުހައްމަދު ހުސެއިން ޝަރީފް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސެނާއަށް އަރުވައިފިއެވެ.
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 10:30 ގަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރުމާއި ދެކޮޅު ހަރަކާތްތަކެއް ވެސް އިދިކޮޅު ފަރާތްތަކުން ހިންގާފައިވާއިރު ފަތްކޮޅު އެރުވުން ލަސްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ޖަޕާނުގެ ސަފީރުކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުސެން ޝަރީފް ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަން ކުރައްވައި އޭނާ އަށް ރައީސް އަބްދުﷲ ޔާމީން މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ.
ލަންކާގެ ސަފީރުކަމަށް މުންދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުންދީފައި ވަނީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ނިޒާމު ގެއްލިފައިވަނިކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި އޮތް މަޖިލީހުގައި ނެގި ވޯޓްގައި މުންދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ލިބިފައިވަނީ 28 ވޯޓެވެ.