ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު، މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ރައީސް މައިތިރިޕަލަ ސިރިސެނާއަށް މިއަދު އަރުވާ ގޮތަށް ނިންމަވައިފި އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން މައުލޫމާތުދޭ ގޮތުގައި މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަނީ މިއަދު ހެނދުނު 10:30 ގަ އެވެ.
ލަންކާގެ ސަފީރުކަމަށް މުންދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުންދީފައި ވަނީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ މަގާމަށް މުންދު އައްޔަން ކުރައްވާފައިވަނީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ.
މަޖިލިސް ޖަލްސާގައި އިދިކޮޅު ފަރާތަތްކަކުން އިހުޖތިޖާޖު ކުރަމުންދަނިކޮށް ވޯޓަށް އަހައި މުންދު އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސްކުރިއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަފީރުގެ ގޮތުގައި މުންދު ބަލައިނުގަތުމަށް ގޮވާލަމުންނެވެ.
މުންދުގެ ފަތްކޮޅު އެރުވުން ލަސްވެފައިވާތީ ވެސް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށާއި މުންދުއަށް ވަނީ އަމާޒުވެފަ އެވެ.
މުންދު ކުރިން ހުންނެވީ ޖަޕާންގެ ސަފީރަކަށެވެ. އޭގެ ކުރިން މި ސަރުކާރުގެ މިނިސްޓަރުކަން ވެސް އޭނާ ކުރެއްވެވި އެވެ.