ހދ. ކުޅުދުއްފުށީ ކުޅި ހިއްކާއިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅު ހެދޭނެ ބާރެއް ނެތް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ، ބައެއް މީހުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ އެއާޕޯޓް އަޅާނެ ތަން ބަދަލުކުރެވޭނެ ބާރެއް ކައުންސިލްއަށް ނެތް ކަމަށެވެ. ސަރުކާރުން އެރަށުގައި އެއާޕޯޓް އަޅާނެ ތަނެން ކަނޑައެޅުމުގެ ގޮތުން ލަފައަކަށް ވެސް އަހާފައި ނުވާ ކަމަށް އަބްދުލް ލަތީފް ވިދާޅުވިއެވެ.
"ކުޅި ހިއްކާއިގެން އެ އާޕޯޓް ހަދަން ކައުންސިލުން އެއްބަސްވާކަށް ވެސް ނުވާކަށް ވެސް ދައުރެއް ނެތް، ކައުންސިލް ކައިރީގައި އެއްވެސް ކަމެއްގެ ލަފައެއް ހޯދާފައެއް ނެތް، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރިޔާސީ ވައުދެއް، ސަރުކާރުން ބޭނުންނަމަ އެކަން ކުރާނެ، ރަށުގެ ތަރައްޤީއަށް ކައުންސިލުން ހުރައެއް ނާޅާނަން" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކުޅިއަކީ އެރަށުގެ ތާރީހާއި ސަގާފަތާއި ގުޅިފައިވާ ކުޅިއެކެވެ. އަދި އެކުޅި އަކީ ރާއްޖޭގައި އެންމެ ގިނަ ވައްތަރުގެ ކަނޑޫފާ ހެދިފައިވާ ތަނެވެ.
އަބްދުލްލަތީފް ވިދާޅުވީ ކުޅި ހަލާކުކޮށްލަން ކައުންސިލުން ފުރުސަތުދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކައުންސިލަށް ތުޙުތަމުގެ އިނގިލި ދިއްކުރާ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ކުރެވޭނެ ކަމެއް ކައުންސިލަކަށް ނޯންނާނެ ކަމަށާއި، އެ ކަމުގައި ޖަވާބްދާރީ ވާން ޖެހޭނީ އެންވައިރަމެންޓް މިނިސްޓްރީ އާއި އީޕީއޭއިން ކަމަށް ވިދާޅުވިއެވެ.
އެއާޕޯޓް އެޅުމަށް ރަށުގެ ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވަމުން، އަބްދުލްލަތީފް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރީ އެ ރަށު ފުއްޓަރު ފަރާތުގަ އެވެ. އެހެންނަމަވެސް އެ ސަރަހައްދުން އެކަށީގެންވާ ވަރަށް ޖާގަ ނުލިބޭތީ ކަމަށް ބުނެ، ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން ނިންމި ކަމަށް ވެސް އަބްދުލްލަތީފް ވިދާޅުވިއެވެ.
"ފުއްޓަރު ފަރާތް ހިއްކައިގެން އެއާޕޯޓް އެޅުމަށް ތިން ފަހަރު ސަރުކާރުން ދިރާސާ ކުރި، އެހެންނަމަވެސް ފުއްޓަރު ފަރާތް ހިއްކުމުގެ ގާބިލްކަމެއް ނެތް ކަމަށް ސަރުކާރުންވަނީ ބުނެފައި " ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފު) އެރަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައި ކަމަށް ކައުންސިލުން ބުންޏެވެ.