ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަންމަގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
އިބްތިހާލްގެ މަންމަ، ވ.ރަކީދޫ ލައިޓްހައުސް، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހު އެވެ.
އިބްތިހާލަށް އަނިޔާކޮށް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް އެ މައްސަލާގެ ހުކުމެއް ކޮށްފައިނުވެ އެވެ.
އުމުރުން ތިން އަހަރުގެ އިބްތިހާލް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ހިންގާ ޝަރީއަތުގައި އޭނާ ވަނީ އެ ކުއްޖާއަށް އަނިޔާކޮށްފައިވާނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައިވެސް އެއްބަސްވެފަ އެވެ. އަދި އޭނާ ތަހްގީގަށް ދީފައިވާ ބަޔާން ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ވަނީ އިއްވާފަ އެވެ.
އެގޮތުން އިބްތިހާލް ނިދާފައި އޮއްވައި ގޮސް އެ ކުއްޖާގެ ކަރުގައި އާފިޔާ ހިފި ކަމަށާއި ކަރުގައި ހިފުމުން އިބްތިހާލްގެ އަނގައިން ލެއާއި ފޮނުތަކެއް އައި ކަމަށާއި އެވަރުން ވެސް އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ވަނީ ތަހްގީގަށް ދިން ބަޔާނުގައި ބުނެފަ އެވެ. އޭގެ އިތުރުން އިބްތިހާލްގެ މޭމަތީގައި ތިން ފަހަރު ފައިން ޖެހި ކަމަށާއި އަދި ގޮތް މުށްކަވާފައި އެ ކުއްޖާގެ ދަތްކޮޅީގައި ވެސް ޖެހުމުގެ އިތުރުން ވެސް ފައިން އިބްތިހާލްގެ ގައިގައި ތެޅި ކަމަށް ބުނެ އާފިޔާ ދިން ބަޔާނަކީ ތެދު ބަޔާނެއް ކަމަށް އޭނާ ޝަރީއަތުގައިވެސް ބުނެފައިވެ އެވެ.
އެ ކުއްޖާ މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ އޭނާގެ ކަރުގައި ހިފުމުން ނޭވާ ހާސްވެގެން ނުވަތަ އޭނާގެ ބަނޑަށް ގިނަ އަދަދަކަށް ލޭ ޖަމާވެފައި ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ޑޮކްޓަރުންވަނީ ޝަރީއަތުގައި ހެކިބަސްދީފަ އެވެ. ނަމަވެސް އިބްތިހާލުގެ ޕޯސްޓްމޯޓަމް ހަދާފައިނުވާތީ އެ ކުއްޖާމަރުވި އަސްލު ސަބަބު (ކޯޒް އޮފް ޑެތް) ޔަގީން ކަމާއެކު ބުނަން ދަތި ކަމަށް ބައެއް ޑޮކްޓަރުން ބުނެފައިވެ އެވެ.
އާފިޔާގެ އިތުރުން އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފަކަށް ވަނީ ދައުވާކޮށްފަ އެވެ.