އައްޑޫ ސިޓީގެ ރަށްތަކުގެ މަގު ހެދުމާއި ގުޅޭގޮތުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދޮގު ހައްދަވާކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށޭނެ ކަމަށެވެ. މަގުތައް ހަދަން ހަވާލު ކުރަން ނިންމާފައި ވަނީ ސިއެރާ ކޮންސްޓްރަކްޝަނާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ އެ ވާހަކަތަކަށް ރައްދުދެއްވައި ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މެއި މަހުވެސް މިނިސްޓަރު މުއިއްޒު ހަމައެފަދައިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިނިސްޓަރު މުއިއްޒުއަކީ ދޮގު ހައްދަވާ އިންސާނެއްކަމަށް ރޮޒައިނާ ތުހުމަތުކުރައްވާފައިވެއެވެ. އޭނާ ވިދާޅުވީ މަގު ހަދަން ބޭނުންވާ ތަކެތި ގެނަސްފައި ހުންނަތާ 4 އަހަރުވީއިރު، މަސައްކަތް ނުފެށި އޮތުމުން ލަދު ގަންނަންޖެހޭކަމަށެވެ.
Midhiya May mahuves mivaahaka. Reyga ves mivaahaka. Mee varah dhogu hadhaa insaaneh. Magu hadhan beynunva materials hure 4 aharuvy. #ladh pic.twitter.com/nSZBD9H05S
— MP Rozaina Adam (@Roxeyna) October 22, 2017
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށްވެސް މިނިސްޓަރު މުއިއްޒު އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަނާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އެ ސިޓީގެ ގިނަ ރައްޔިތުން ބުނެއެވެ. ނަމަވެސް މިނިސްޓަރު މުއިއްޒު އެފަދައިން ވިދާޅުވިތާ ފަސް މަސް ދުވަސްވެގެންދިޔައިރު، އެ މަސައްކަތް އަދިވެސް ފެށިފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި މުއިއްޒު ފަސް މަސް ދުވަސްފަހުން އެއް ވާހަކައެއް ތަކުރާރުކުރުމުން އައްޑޫ ސިޓީ ގިނަ ރައްޔިތުންތަކެއް އަންނީ މުއިއްޒުއަށް ފާޑުކިޔަމުންނެވެ.
AdduCity ge hurihaa rashegge magu hedhumuge mashroou kuriyah gendhiyumah SierraConstruction aa havaalukurumah sarukaarun iyye vanee nimmaafa
— Dr.Mohamed Muizzu (@MMuizzu) May 5, 2017
އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެނަވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ އެމްޑީޕީގެ ސަރުކާރުންނެވެ. އެމްޑީޕީގެ ސަރުކާރު ބަދަލުވުމާއެކު މަސައްކަތް ހުއްޓި އަދިވެސް އޮތީ ނުފެށި އެވެ.