ކޮންމެ ގޮތަކަށް ހިސާބު ޖެއްސެވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެއްވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވެއްޖެ އެވެ.
ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުރިހާ ގޮތަކަށް ހިސާބު ޖެއްސެވީމަވެސް ރައީސް ނަޝީދުއަށް 2018 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ކަމަށެވެ. އަދި 2018 ގައި ބާއްވާ އިންތިހާބުގައި އިންތިގާލީ ރައީސަކު އިންތިހާބު ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވީވެސް އެހެންވެ ކަމަށް ނިހާނު ވިދާޅުވި އެވެ.
Hurihaa Gothakun Hisaabu Jeheemaa ves @MohamedNasheed ah 2018 ah kurimathi nulevey, Dhen #Inthigaalee
— Ahmed Nihan (@ahmed_nihan) October 21, 2017
މިވަގުތު އަވައްޓެރި ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދު ދެއްވާފައިވާ އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަކިވަކިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށްވުރެ، ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްބަސްވެލައްވާ ގޮތެއްގެ މަތިން އެއް ކެނޑިޑޭޓަކު ނެރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ސަބަބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ހާލަތު އޮތީ އިދިކޮޅު ގިނަ ކެނޑިޑޭޓުން ވާދަ ކުރައްވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ހާލަތެއްގައި ނޫން ކަމަށާއި ރާއްޖޭގެ އަދުލްއިންސާފުގެ ނިޒާމާއި ވެރިކަމުގެ ނިޒާމު އޮތީވެސް އިސްލާހު ކުރަންޖެހޭ ހާލަތެއްގައި ކަމަށެވެ.
އެގޮތުން އިންތިގާލީ ރައީސަކު އިންތިހާބުކޮށް، އިންތިގާލީ މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ކަންކަން ހަމަމަގަށް އެޅުވުމަށް ފަހު، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ ރާއްޖޭގެ މިހާރުގެ ހާލަތަށް އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދު ޕާޓީތަކުން ނިކުމެ ވާދަކޮށް، އިންތިހާބަކުން މޮޅުވެ، މޮޅުވާނޭކަމުގެ ސައިންޓިފިކް ޔަގީންކަން ލިބޭ ހާލެއްގައެއް ނޫން އަޅުގަނޑުމެން މިތިބީ. އަޅުގަނޑު ސައިންޓިފިކް ޔަގީންކަމޭ މިދަންނަވަނީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އިންތިހާބު މޮޅުވަނީ އަދަދު، ސައިންސް. މިއަދު އަޅުގަނޑުމެންނަށް ސާފު މަންޒަރު، އެމްޑީޕީއެކަންޏެއް ނޫން. ޖުމްހޫރީ ޕާޓީއަކަށް ވެސް އަދާލަތު ޕާޓީއަކަށް ވެސް އަދި ރައީސް މައުމޫނަކަށް ވެސް، އެއްވެސް ބޭފުޅަކަށް މިއިންތިހާބުން އެބޭފުޅުންނަށް ކާމިޔާބު ވެވޭނޭ ސާފު މަންޒަރެއް ނުފެންނާނެ. ހަމަގައިމު ވެސް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
Mohamed Nasheed ah dhen Raajjeyge Verikan Nukureveyne kan Scientific Usool thakun ves vanee Kashavaru vefa!
— Ahmed Nihan (@ahmed_nihan) October 21, 2017
ރައީސް ނަޝީދުގެ އެވާހަކަފުޅުތަކަށް ނިހާނު ރައްދުދެއްވާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދުއަށް ދެން ރާއްޖޭގެ ވެރިކަން ނުކުރެއްވޭނެކަން ސައިންޓިފިކް އުސޫލްތަކުން ވެސް ކަރުށަވަރު ވެފައިވާކަމަށެވެ.
ރައީސް ނަޝީދުއަށް ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ނިހާނު ވިދާޅުވާއިރު، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތްއިރުވެސް ބޮޑު ތަފާތަކުން އެ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ރައީސް ނަޝީދު ނިސްބަތްވެވަޑާއިގަންނަވާ އެމްޑީޕީންނެވެ. އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ވެސް ކޯލިޝަނަކާ ނުލައި އެންމެ ގިނަ ވޯޓް ހޯއްދެވީ ރައީސް ނަޝީދު އެވެ.
ރައީސް ނަޝީދުއަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ކަމަށް ނިހާނު އެވިދާޅުވަނީ 13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެންކަމަށް ބެލެވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި އިއްވި ހުކުމް އެއީ ސައްހަ ހުކުމެއްކަމަށް ބައިނަލް އަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ގަބޫލު ނުކުރާއިރު، ބައެއް ގައުމުތަކުގެ ލީޑަރުންނާއި ދިވެހި ބައެއް ރައްޔިތުން އެކަން ބަލައި ނުގަންނަކަން ވަނީ ހާމަކޮށްފަ އެވެ.
މީގެއިތުރުން އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލާފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ވެސް ގިނަ ގޮންޖެހުންތަކާއި ދަނީ ކުރިމަތި ވަމުންނެވެ.