އިދިކޮޅު ހަތަރު ސިޔާސީ ލީޑަރުން އުޅުއްވަނީ ރަސޫލް ބޭކަލުންގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ޓީވީން ދައްކާ ޝޯތަކުގައި ކަރުގައި ބެރެއް އައްސައިގެން އަތުގައި ތަނޑިބައެއް އަޅައިގެން ވާހަކަ ކިޔައިދޭން އުޅޭ މީހުން އުޅޭ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އިން "ތައްޔާރު" ގެ ނަމުގައި އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅުގައި ސިޔާސީ ލީޑަރުން ކަމަށް ބުނެ އުޅޭ ދެތިން ހަތަރު ބޭފުޅުން ރަސޫލުންގެ ޔާތްޕުޅަށް ބިނާކޮށް ދައްކާ ޓީވީ ޝޯތަކުގައި އުޅޭ ވާހަކަ ކިޔައިދޭ މީހުންނާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އެގޮތުން އއެމީހުން ވާހަކައެއް ކިޔައި ދިނުމަސް އެބަ އޮތް ކަމަށް ބުނެ އުޅޭ ކަމަށާއި އިދިކޮޅު ހަތަރު ސިޔާސީ ލީޑަރުން ވެސް އުޅުއްވަނީ އެގޮތަށް ވާހަކަ ކިޔައިދެއްވަމަށް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ހަތަރު ސިޔާސީ ލީޑަރުން ކަމަށް ބުނެ އުޅޭ ހަތަރު ބޭފުޅުން ބޭރު ދުނިޔޭގައި ދިވެހިރާއްޖެ ފަލީޙަތްކޮށް ވާހަކަދެއްކެވުމުގެ ހައްގެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން ކަމަށް ބުނާ ބޭފުޅުން މުޅި ދިވެހި ގައުމު ކަތިލާ ފޮތިފޮތި ކޮށްލަމުންދާ ކަމަށާއި އެއީ އެ ހަތަރު ލީޑަރުންނަށް ލިބިވަޑައިގެންވާ ހައްގެއް ނޫން ކަމަށެވެ. މީގެ އިތުރުން ދިވެހި ގައުމަކީ ހަމައެކަނި އިދިކޮޅު ހަތަރު ލީޑަރުންގެ ގައުމެއް ނޫން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އިދިކޮޅު އެއްވެސް ލީޑަރެއްގެ ނަން ވިދާޅުނުވެ އެ ބޭފުޅުންނަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދިވެހިރާއްޖެ އަށް ފަތުރުވެރިން ނައުމަށް އިދިކޮޅު ހަތަރު ލީޑަރުން ގޮވާލައްވައި އެތައް ވާހަކަފުޅެއް ބޭރު ދުނިޔޭގައި ރާއްޖެއާ ބެހޭ ގޮތުން ދެއްކެވުމަށް ފަހު ހަތަރު ލީޑަރުން ބައްދަލުވެއްޖެނަމަ މޫނާ މޫނު ދިމާ ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން އުޅުއްވަނީ "ބޮލަށް ފިތިފައިތިބޭ ތާވަޅައެއް" އުޅޭ ހެން ކަމަށާއި މެލޭޝިއާއި ސިންގަޕޫރާއި ލަންޑަނާއި އަދި ލަންކާގައި ތިއްބަވައިގެން ގައުމު ފަލީހަތް ކުރެއްވުމުގެ ބަދަލުގައި ގައުމަށް އެނބުރިވަޑައިގެން ގައުމު ބިނާ ކުރެއްވުމުގައި ބައިވެރިވެވަޑައިގަތުން މާ ރަނގަޅުވާނެ ކަމަށެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މީގެކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް ނޭދޭ ކަމަށާއި އެ ބޭފުޅުންނަށް ގައުމު ތަރައްގީ ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ގައުމު ތަރައްގީ ކުރެއްވިފައި ނުވާކަން ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި މިއަދު މުޅި ރާއްޖެ ވެސް އެދި ގޮވަނީ ރައީސް އަބްދުﷲ ޔާމީން އަށް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.