އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން ތާވަލު ކޮށްފި އެވެ.
ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ވާހަކަތައް ދެކެވެމުން ދަނިކޮށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެކަން ކަށަވަރުކޮށްދިނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
ރިޔާޒު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓާއެކު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން އޮންނަ އުސޫލުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވެފައިވެ އެވެ.
އަންގާރަ ދުވަހު މަޖިލިސް ޖަލްސާގެ އެޖެންޑާ އިއުލާނު ކޮށްފައިވާއިރު، މަޖިލިސް ރައީސްގެ މޭޒުން ހުށަހެޅޭ ހުށަހެޅުމެއްގެ ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓް ވަނީ ހިމަނާފަ އެވެ.
ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ހުށަހަޅަނީ ކިހާވަރެއްގެ ބަޖެޓެއް ކަމެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް އަރާާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. އަދި ބައި އިލެކްޝަން ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ބައި އިލެކްޝަންތައް ބޭއްވުމަށް ފައިސާ ހޯދުމަށް ފައިނޭސް މިނިސްޓްރީގައި ވަނީ އެދިފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން ބޭނުންވާ ސަބަބުތަކުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި، ގާނޫނީ ގޮތުން ޕާޓީތަކަށް ދޭން ލާޒިމްކުރާ ފައިސާ ދިނުން ހިމެނެ އެވެ.
ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން މަސައްކަތް ކުރާ މިދަނޑިވަޅުގައި، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައި ފިނޭންސް މިނިސްޓްރީ އިން ވަނީ ސަރުކާރުގެ އޮފީސްތަކަށް އެކަން އަންގާފަ އެވެ.