ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ޓިކެޓްގައި އިންތިހާބްވެފައިވާ ކައުންސިލަރުން އެމްޑީޕީގެ އޮނިގަނޑުގެ ތެރެއަށް ވައްދަންޖެހޭ ކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބް އިދާރީގެ މަގާމަށް އިންތިހާބްވި އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އިންތިހާބް ކާމިޔާބް ކުރުމަށް ފަހު ޕާޓީގެ ކުރިމަގާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުން ޕާޓީ ހިންގުމުގެ އޮނިގަނޑުގައި ބައިވެރި ކުރުމަށް ލޯކަލް ކައުންސިލްގެ ހާއްސަ ކޮމެޓީއެއް އެޕާޓީގައި އުފައްދަން ވިސްނާ ކަމަށެވެ. އެ ކޮމެޓީ އުފެއްދުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް ވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.
ކައުންސިލް މެމްބަރުން ޕާޓީގެ އޮނިގަނޑުގެ ތެރެއަށް ވެއްދިއްޖެނަމަ ޕާޓީގެ ހަރަކާތްތައް އަތޮޅުތެރޭގެ ރަށްތަކުގައި ފޯރިއާއި އެކު ކުރިއަށްދާނެ ކަމަށް ވެސް ގަބޫލް ކުރައްވާ ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އަދި މަގާމާއި ހަވާލުވުމަށް ފަހު އެމްޑީޕީގެ އޮފީހަށް ވަންނަ އިރު ގޮފިތައް ތަރުތީބްވެފައި ވުމަކީ ޕާޓީގެ ހިންގުން ހަރުދަނާ ކުރެވޭނެ ކަމުގެ ފެހި ސިގްނަލެއް ކަމަށް ވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ، ދާއިރާގެ ރައީސުންނާއި ގޮފިތަކުގެ ރައީސުންނާއި ގުޅުންބަދިހި ކުރަން ކުރެވޭނެ ކަންތަށްތަކެއް ރާވަން ޖެހޭނެ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބް ކާމިޔާބްކުރުމަށް ޕާޓީގެ އެތެރޭގެ ހިންގުން ޙަރުދަނާ ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.