ދިވެހިރާއްޖޭގެ ތާރީހުގައި ހިންގި ކަމަށް ބުނާ އެންމެ ބޮޑު ކޮރޮޕްޝަންގެ މައްސަލަ ކަމަށްވާ އެފްޕީއައިޑީގެ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ރައްޔިތުންގެ މަޖިލީހުގެ ތިޖޫރީގައި ވަނިކޮށް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަރާތުން ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެފްޕީއައިޑީގެ މައްސަލައިގެ ފައިލް އަދި، އެ މައްސަލައާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ތިޖޫރީގައި ވަނިކޮށް ގެއްލިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.
މޫސަ ވިދާޅުވީ އެފްޕީއައިޑީގެ މައްސަލައިގެ ތަހުގީގަކީ ކުރި ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، އެ މައްސަލަ ބެލުމަށް ވަރަށް ގިނަ ހޯދުންތައް ހޯދާ، އެތައް ވަގުތެއް ހޭދަކުރެވުނު ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ ތިޖޫރީން އެފްޕީއައިޑީ މައްސަލައިގެ ތަހުގީގުގެ ލިޔެކިޔުންތައް ގެއްލުނު މައްސަލަ ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުން ތަހުގީގުކޮށް އެކަން ކުރި ބަޔަކަށް އަދަބު ދިނުމަށް ގޮވާލާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް ދައްކާއިރު ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި އަދި ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަން މާ ބޮޑު ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ކޮރަޕްޝަންގެ ފޮތްތައް ހުޅުވާލުމުގެ ފުރުސަތު މަޖިލީހުގެ ތެރެއިން ދިނުމަށް މޫސަ ގޮވާލެއްވިއެވެ.
މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގައި ކޮންވެންޝަން ސެންޓަރު ގާއިމް ކުރިއިރު އެކަމުން ފައިދާ ނަގައި، ބަޔަކު މީހުން ލަންކާ އިން ބިން ވެސް ގަނެފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެނީ އެފަދަ ވާހަކަތައް ދައްކާ، އެ ފޮތްތައް ހުޅުުވުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް މޫސަ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގައި ކޮންވެންޝަން ބިނާ ކުރުމުގެ މަސައްކަތް ކުރި ބަޔަކު އެމަސައްކަތުން ނާޖާއިޒް ފައިދާތަކެއް ނަގައި ލަންކާ ބިން ގަނެފައިވާ ކަމަށް މޫސަ ވިދާޅުވި ނަމަވެސް އެއީ ކޮން ބައެއްކަން މޫސަ ހާމަކޮށްފައެއްނުވެ އެވެ.
މީގެ އިތުރުން އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ އެކަަމަށް ވެސް މޫސަ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މޫސަ ވިދާޅުވީ ރާއްޖޭގައި އަލަށް އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީގައި ބުނާ އިންތިގާލީ މަރުހަލާ ނިމި ހިނގައްޖެ ކަމަށެވެ.
މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ބުނާ އިންތިގާލީ ސަރުކާރެއް ނުވަތަ އިންތިގާލީ މަރުހަލާ އެއް ގާއިމް ކުރުމަށް ގާނޫނުއަސާސީ އަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންނަށް މަލާމާތް ކުރައްވައި މޫސަ ވިދާޅުވީ ޤާނޫނު އަސާސީ އަށް އިންތިގާލީ ބާބެއް އިތުރު ކުރަންވީ ރާއްޖޭގައި ކުރީގައި ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ވެރިކަމަށް އާދެވޭ ގޮތަށް ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ހަލާކު ވެގެން ދަނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށެވެ. އެގޮތުން މުޅި އެމްޑީޕީ އަށް ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން އަތްގަދަކޮށްފައިވާ ކަމަށާއި އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެކަން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުން ހާމަވެގެންދާ ކަމަށް މޫސަ ވިދާޅުވިއެވެ.