ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުން ރައްޔިތުންނަށްވި ވައުދުތައް ފުރިހަމަކޮށް ނިންމުމަށް ފަހު، އޭގެ އިތުރަށް ދެގުނަ މަސައްކަތް ކުރައްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން "އަފިރިންނަސް ތައްޔާރަ" މި ނަމުގައި ހިތަދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރު މުއްދަތުގެ ތެރޭގައި އެތައް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ވަނީ ހިންގައިފައި ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ލޮލަށް ނިދި ނައިސްގެން އުޅެނީ އެހެންވެގެން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ މެނިފެސްޓޯ ފުރިހަމަކޮށް ނިންމުމަށްފަހު މިހާރު އޭގެ ދެގުނަ މަސައްކަތް ރައީސް ޔާމީން ކުރައްވާފައިވާ ކަމަށެވެ.
ފަލާހް ވިދާޅުވީ ރައީސް ޔާމީން ފަދަ ވެރިއަކު ދުވަހަކުވެސް ދެކެވަޑައިނުގަންނަވާ ކަމަށާއި 2018 ވަނަ އަހަރު ވެސް ވެރިކަމުގައި ހުންނަވާނީ އެ މަނިކުފާނު ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބްރޯޑްކޮމްއިން ކަނޑައަޅާފައިވާ ފަލާހް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ގައުމު ފަނާ ކޮށްލި ވެރިއެއް ކަމަށާއި 30 އަހަރު މި ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅެއްވެސް ކުރީގެ ރައީސް ނަޝީދު ވަނީ ހަލާކު ކޮށްލާފައި ކަމަށެވެ.
ފަލާހު ވިދާޅުވީ އިދިކޮޅު އެމްޑީޕީ މިހާރު ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފެންނަން ޖެހޭ ކަމަށެވެ. މިހާރު ކުރީގެ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވަނީ އިތުރު ބަޔަކު އެމްޑީޕީގެ ޓިކެޓްގައި ވެރިކަމަށް ކުރިމަތި ލާފާނެތީ ބިރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.