އައްޑޫ ސިޓީގައި އަޅާ ޓަރޝިއަރީ ހޮސްޕިޓަލު ތަރައްޤީކޮށް ނިމޭއިރު މާލެއިންވެސް ލިބެން ނެތް ބައެއް ހިދުމަތް އެތަނުން ލިބެން ހުންނާނެކަމަށާއި ސިއްހީ ފަރުވާ ހޯދަން މާލެއިންވެސް އައްޑުއަށް ދާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"އަފިރިންނަސް ތައްޔާރަ" މި ނަމުގައި ޕީޕީއެމްއިން ހިތަދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައީސް ޔާމީން އެ ހޮސްޕިޓަލް ހުޅުއްވައި ދެއްވާނެ ކަމަށެވެ.
ހިތަދޫގައި ހަދާ 100 އެނދުގެ ހޮސްޕިޓަލް ހަދަނީ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، އީސީސީ ގައި ތަރައްޤީ ކޮށްފައިވާ ކޮންވެންޝަން ސެންޓަރަށް ބަދަލުތަކެއް ގެނަމުމަށް ފަހުގައެވެ.
އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސައޫދީ ފަންޑުންދޭ 12.5 މިލިއަން ޑޮލަރު (192.7 މިލިއަން ރުފިޔާގެ) ލޯނު އެގްރިމަންޓްގައި ސޮއިކޮށްފައެވެ.
އޭގެ ފަހުން އެ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ދެވަނަ ލޯނު އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރެއްވުމަށްފަހު ވެރިކަމަށް އަރާވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 17 އޮކްޓޯބަރ 2012 ގައެވެ. އެއީ އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޯޕިޑް) ނަގާ 8.4 މިލިއަން ޑޮލަރު (129.5 މިލިއަން ރުފިޔާ)ގެ ލޯނެކެވެ.