ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ގޭ ބަންދުން އަނބުރާ ޖަލަށް ބަދަލުކުރީ ރައީސް ޔާމީން ބިރުފުޅުން ކަމަށް ބެލެވޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި، ސިޔާސީ ލީޑަރުން އަނބުރާ ޖަލަށް ގެންދެވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީނަކީ އޯގާތެރިކަމާއެކުގައި ނުވަތަ އިންސާފާ އެކުގައި ކަންކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށާއި އިމްރާން ގެއަށް ގެންނެވީ ބޭރާއި އެތެރެއިން ދައްކަމުންދިޔަ ވާހަކަތަކުގެ ޕްރެޝަރގައި ކަމަށެވެ.
"ޙަޤީގަތަކީ ރައީސް ޔާމީން އެއްވެސް ސިޔާސީ ލީޑަރަކު ޖަލުން ބޭރުގައި ބަހައްޓާކަށް ބޭނުމެއް ނުވޭ. ޤައުމުގަވެސް ބަހައްޓާކަށް ބޭނުމެއް ނުވޭ. މިފެންނަނީ ރައީސް ޔާމީން ކެމްޕެއިން ފަށައިގަނގެން އުޅޭ މަންޒަރު. އަޅުގަނޑަށް ހީވަނީ މިކެމްޕެއިން ކުރިއަށް ދާއިރު ރައީސް ޔާމީނަށް ބިރުވެރިކަމެއް، އޮތީހެން ސިޔާސީ ބޭފުޅުންނާ އެބޭފުޅުންގެ މަޝްވަރާތަކުގެ ސަބަބުން. އެހެންވީމާ އެފުރުސަތު އެއްވެސް ވަރަކަށް ނުދިނުމުގެ ބޭނުމުގައި ކަންނޭގެ ޝެއިޚް އިމްރާމް މިހާރު ޖަލަށް އެގެންދެވީ." ރޮޒައިނާ ވިދާޅުވިއެވެ.
ޝެއިޚް އިމްރާން ޖަލަށް ބަދަލުކުރީ ޖަލަށް ބަދަލު ކުރެއްވި ދަނޑިވަޅަކީ ރައީސް ނަޝީދު އިންތިގާލީ ސަރުކާރެއް ގާއިމުކުރުމުގެ ވާހަކަ ދައްކަވާ ދުވަސްވަރަކަށް ވުމުން އެއީ އިމްރާން ޖަލަށް ބަދަލު ކުރެއްވި ސަބަބަކަށް ވެދާނެތޯ ރާއްޖެ ޓީވީން ދެންނެވުމުން ރޮޒައިނާ ވިދާޅުވީ ސީދާ އެކަމާ ގުޅުން ހުރިކަމަށް ނުދެންނެވުނު ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ މަޝްވަރާކޮށްގެން ކަންކަން ކޮށްގެން ކުރަމުންދާ ކަންކަމަކީ ރައީސް ޔާމީން އަބަދުވެސް ބިރުގަންނަ ކަމެއް ކަމަށެވެ.
" އަބަދުވެސް ރައީސް ޔާމީން ވަރަށް ބިރުގަންނަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން މަޝްވަރާކޮށްގެން ކަންތައްތައް ނިންމަމުން ގެންދާކަމަށް ވަންޏާމުން. މިވަގުތު އަދި ޚާއްޞަކޮށް ރައީސް ޔާމީންގެ ކެމްޕޭން ފެއްޓެވުމާއެކު އެހެން ޕާޓީތަކުންވެސް ރިޔާސީ އިންތިޚާބާމެދު ވިސްނަވަމުން ގެންދާނެ. އެހެންވީމާ އަޅުގަނޑުމެންގެ މަޝްވަރާތަކަށް ރައީސް ޔާމީން ހުރަސްއަޅުއްވަމުން ގެންދަވާނެ" ރޮޒައިނާ ވިދާޅުވިއެވެ.
ޝެއިޚް އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރީ 2018 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރުމަށާއި އެ ކެންޑިޑޭޓެއްގެ މަސްއޫލިއްޔަތަކަށް ވާނީ އިންތިގާލީ މަރުހަލާއެއްގައި ކަންކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި އެކަނި ނޫން ގޮތަކަށް އިންތިޚާބަކަށް ވަޑައިގަންނަވަން ކެރިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނޭ ވިދާޅުވެ ބައިއިލެކްޝަނެއްވެސް ބާއްވަން ކެރިވަޑައި ނުގެންވެސް އެއުޅުއްވަނީ އެހެންވެގެން ކަމަށެވެ.
"ރައީސް ޔާމީނަކަށް ދެން މިއިންތިޚާބެއް ކާމިޔާބެއް ނުވާނެ. އެކަން އަޅުގަނޑުމެންނަށް ވަރަށް ސާފުވެގެން އެބަދޭ.މިހާތަނަށް ރައީސް ޔާމީންގެ ރިޔާސަތުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކާމިޔާބެއް ނުވި. އެއަށްފަހު މެންބަރުންތަކެއް ގޮނޑި ގެއްލިއްޖެކަމަށް ވިދާޅުވެފަ އިންތިޚާބެއްވެސް އިއުލާންކުރި އިލެކްޝަންސް ކޮމިޝަނުން. އެހެންނަމަވެސް އެއިންތިޚާބެއްވެސް ބާއްވާކަށް ނުކެރުނު." ރޮޒައިނާ ވިދާޅުވިއެވެ.