ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) އިން އިންޑަސްޓްރިއަލް ވިލެޖުގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމައިފި އެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި ވެމްކޯއިން އަޅަން ނިންމާފައިވާ 10 ބުރީގެ އިމާރާތަކީ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް އޮފީހެއް ގޮތުގައި ބޭނުންކުރަން އަޅާ ތަނެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
10 ބުރީގެ އިމާރާތް އެޅުމަށް ޑީޓެއިލްޑް ޑިޒައިނެއް ހަދާދޭނެ ފަރާތެއް ހޯދަން އެ ކުންފުނިން ވަނީ ވަނީ އިއުލާނު ކޮށްފަ އެވެ.
އެ ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހު ވެމްކޯގެ މައި އޮފީހަށް ގޮސް މަޢުލޫމާތު ސާފުކުރުމަށް ފަހު، މައުލޫމާތު ކަރުދާހާއި އެއް ގޮތަށް ބީލަން ހުށަހަޅަން ވަނީ ހުޅުވާލާފަ އެވެ. ބީލަން ހުށަހަޅަން ޖެހެނީ ނޮވެމްބަރު ދެވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ.
މާލޭގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންދާ ވެމްކޯގެ މަސައްކަތް ފުޅާކޮށް، ވިލިމާލެއަށް ޚިދުމަތް ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވެމްކޯގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ އޯގަސްޓް މަހުގަ އެވެ.