އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ޖަލު ބަންދަށް ބަދަލުކުރުމާއި ގުޅިގެން ކުރީގެ ދެ ރައީސުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމާއި ކުރިގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެވެ.
ކަންބޮޑުވުންފާޅުކޮށް ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، މިހާރުން މިހާރަށް ދެ ބޭފުޅުން މިނިވަން ކުރަންޖެހޭ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވެފައި ވަނީ، އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމަކީ ރައީސް އަބްދުﷲ ޔާމީނަށް ގޮތް ހުސްވެފައިވާކަމުގެ ދަލީލެއް ކަމަށެވެ. އަދި ފާރިސް އާއި އިމްރާން ވަރަށް އަވަހަށް މިނިވަންވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
Deeply concerned that Hon @ShimranAb & MP @afarismaumoon have been taken back to prison. They must be freed immediately!
— Maumoon Abdul Gayoom (@maumoonagayoom) October 21, 2017
Hon. Faris aai Sheikh Imran jalah an'bura gendhiumaki RY ah goiy husvakamuge dhaleel. Faris aai Imran iraadhafulhun varah avahah minivanvane
— Mohamed Nasheed (@MohamedNasheed) October 21, 2017
އެ ދެ ބެފުޅުން ކަންބޮޑުވުންފާޅުކޮށް ޓުވީޓް ކުރެއްވިއިރު، ހޮނިހިރު ދުވަހު އިމްރާނާއި ފާރިސްއާ ދެ ބޭފުޅުން ވަނީ ޖަލު ބަންދަށް ބަދަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ފާރިސް ބަންދުކޮށްފައި ބެހެއްޓިއިރު، ފާރިސް ހުންނަވާ ޖަލު މަރާމާތު ކުރުމަށް ކަމަށް ބުނެ ގެއަށް ބަދަލުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ހޮނިހިރު ދުވަހު ފާރިސް އަނބުރާ ޖަލަށް ގެންދިޔައިރު، ގޭބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ހޮނިހިރު ދުވަހު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. ޝެއިހް އިމްރާން ޖަލަށް ބަދަލު ކޮށްފައވާއިރު، އެމަނިކުފާނު އެންމެ ފަހުން ގޭބަންދަށް ބަދަލުކުރީ މީގެ މަސްދުވަސްކުރިން، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ. މީގެކުރިން ވެސް އިމްރާން ޖަލު ބަންދުން ގޭބަންދަށް ބަދަލު ކޮށްފައިވެއެވެ.