އަންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތަކާ ބެހޭ މަޝްވަރާތައް ކުރުމަށް ތައްޔާރު ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން އެކަން ހާމަ ކުރެއްވީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއްގަ އެވެ.
ރިޔާސީ އިންތިހާބު އަންނަ އަހަރު އޮންނައިރު 2019 ގައި އޮންނާނީ ރައްޔިތުންގެ މަޖިލިސް އިންތިހާބެވެ. މި އިންތިހާބުތަކަށް ކެންޑިޑޭޓަން ނެރުމުގެ މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީން ތައްޔާރު ކަމަށް ބުނެފައިވާއިރު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން އެމަނިކުފާނު ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެ، އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ގޮވާލައްވާފަ އެވެ. ނަޝީދު އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭ ގޮތުން ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި 2018 ގެ ރިޔާސީ އިންތިޚާބުގައި އިންތިހާބުވާންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށެވެ. އަދި އިންތިގާލީ ރައީސްގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރަން ހުރި މަސައްކަތްތައް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އިސް ގިނަ ބޭފުޅުންތަކެއް މިހާރު ތިއްބެވީ ޖަލު ހުކުމެއްގަ އެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ގާނޫނުގައި ބުނާ ގޮތުން އަދި އޮތީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތަކަށް ނޫނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ އެންމެ އިސް ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ އެންމެ އިސް ލީޑަރު ޝެއިހް އިމްރާނާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ގާނޫނަށް އިސްލާހް ގެނެސްގެން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ އެވެ.