ޖަލު މަރާމާތު ކުރުމަށް ކަމަށް ބުނެ ގެއަށް ބަދަލުކުރި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކުރީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.
އެ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ފާރިސް ބަންދުކޮށްފައި ބެހެއްޓިއިރު، ފާރިސް ހުންނަވާ ޖަލު މަރާމާތު ކުރުމަށް ކަމަށް ބުނެ ގެއަށް ބަދަލުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ހޮނިހިރު ދުވަހު ފާރިސް އަނބުރާ ޖަލަށް ގެންދިޔައިރު، ގޭބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ހޮނިހިރު ދުވަހު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
ފާރިސްގެ މައްޗަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ހިންގަމުންދާއިރު، ޕީޕީއެމްގެ ހުއްދަ ނުހޯއްދަވައި އެ ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރެއްވި ކަމަށް ބުނެ ޝަހްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.
ޝަހްސް އޮޅުވާލި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.