ރައީސުލް ޖުމްހޫރިއްޔާ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑޫ ސީޓީއަށް ކުރައްވާ ދަތުރުފުޅުގެ ކަންކަން ކަވަރު ކުރުމަށް އެ އަތޮޅަށް ގޮސް އުޅޭ ރާއްޖެޓީވީގެ ކްރޫއަށް ސިފައިން ހުރަސްއެޅުމަކީ ޑިމޮކްރަސީއާ ބީރެއްޓެހި، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ރާއްޖެޓީވީން ބުނެފި އެވެ.
ހޮނިހިރު ދުވަހު ހެނދުނު ފާތިމަތު އިބްރާހިމް ދީދީ އައްޑޫ ރައްޔިތުންނާ އެކު ހިތަދޫގައި ހުންނަ އެމްއާރުޑީސީގެ ސައިޓްގައި ބޭއްވި ބައްދަލުވުން ކަވަރުކުރަން ދިޔަ ރާއްޖެޓީވީގެ ނޫސްވެރިޔާ އާއި ކެމެރާމަނުން އެތަން ދޫކޮށް ދިއުމަށް އެންގީ އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނެވެ.
މި ކަމާ ގުޅިގެން ރާއްޖެޓީވީން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެޓީވީ އާއި ރާއްޖޭ ޓީވީގެ ނޫސްވެރިންނަށް ދިވެހި ރާއްޖޭގައި އަމަލު ކުރެވޭ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބޭ ހައްގުތަކާއި ފުރުސަތުތައް ތަފާތު ކުރުމެއް ނެތި ދިނުމަކީ ދައުލަތުގެ މަގާމުތަކާ ހަވާލުވެ ތިބި ފަރާތްތަކުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ސްޓޭޝަނުން ދެކޭ ކަމަށެވެ.
" ގާނޫނުކުރިމަތީ އެންމެހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް މި ސަރުކާރުން ލިބިދީފައިވާކަމަށް އެކި ޖަލްސާތަކުގައި މި ސަރުކާރުގެ ވެރިން ވިދާޅުވަމުން ގެންދަވާއިރު ފާތިމަތު އިބްރާހިމް ދީދީ ކުރައްވާ ރަސްމީ ދަތުރުފުޅު ކަވަރުކުރުމަށް ފުރުސަތު ރާއްޖޭޓީވީއަށް ނުދީ، ހުރަސްއެޅުމަކީ މީޑިޔާތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ އަލގަދަ ހެއްކެކެވެ." އެ ބަޔާނުގައިބުނެފައިވެ އެވެ.
ހަމަ އެހެން އެކަން އެގޮތައް ހިނގިއިރު ވަކި ސްޓޭޝަންތަކަށް ފައިދަވާ ގޮތައް، ސަރުކާރާ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މަދަދު ލިބޭ ފަރާތްތަކުން ކަންކަން ކުރަމުންދާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައި ވެއެވެ.
މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ހަރަކާތްތަކާއި ދައުލަތުގެ މުވައްސަސާތަކުގެ ވެރިން ކުރައްވާ ކަންކަމާއި ބާއްވަވާ އަދި ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތައް ކަވަރުކުރުމަށް މީޑިޔާތަކަށް ހަމަހަމަ ފުރުސަތު ތަނަސްކޮށްދިނުމަށް ކަމާ ގުޅުންހުރި ދައުލަތުގެ މުވައްސަސާތަކަށް ރާއްޖެޓީވީން ގޮވާލާފައިވެ އެވެ.
މި ހަރަކާތުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އިސް ރަށްވެހިންނާ ބައްދަލުކުރެއްވުން ކަވަރު ކުރުމަށް ދިއުމުން ވެސް ރާއްޖެޓީވީގެ ނޫސްވެރިން ވަނީ އެތަނުން ފޮނުވާލާފަ އެވެ.