ބ. ކެންދޫ ފަޅުތެރޭގައި އޮއްވާ އަލިފާން ރޯވި "ގަލްފު" ނަމަކަށް ކިޔާ ބޯޓުން ތެޔޮ ލީކުވަމުންދާތީ އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ތެޔޮ ލީކުވަމުންދާތީ، ޑައިވަރުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ސްޕީޑުގައި އެކަން ނުކުރެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަލިފާނުގެ ހާދިޔާއާ ގުޅިގެން އަޑިޔަށް ދިޔަ ތެޔޮ ބޯޓުން ލީކުވަނީ ޕެޓްރޯލް ކަމަށާއި 50 މީޓަރުގެ ސަރަހައްދަކަށް ތެޔޮ ފެތުރިދާނެ ކަމަށެވެ. ނަމަވެސް ލީކްވަނީ ޕެޓްރޯލް ކަމަށްވާއިރު ޕެޓްރޯލް ވަރަށް އަވަހަށް ޖައްވަށް އަރައިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މިހާދިސާގެ މަޢުލޫމާތު މިއަދު ހުކުރު ދުވަހު 09:35 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. ނައިފަރު ފަޔަރ ސްޓޭޝަން ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވެފަ އެވެ. މިހާދިސާ ހިނގިއިރު އެބޯޓްގައި ތިބީ ދެ ދިވެއްސަކާއި ބަންގްލަދޭޝް މީހަކާއެކު ޖުމްލަ ތިން މީހުންނެވެ. މިހާދިސާގައި ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝް މީހާއަށް ވަނީ އަނިޔާވެފައެވެ. މިގޮތުން އޭނާގެ ހަށިގަނޑުގެ 40 ޕަސެންޓް ފިހިފައި ވެއެވެ.
މިހާދިސާގައި އަލިފާން ރޯވެފައި ވަނީ "ގަލްފު" ކިޔާ ތެޔޮ ބޯޓެއްގައެވެ. މިބޯޓަކީ "ޔޫ ފިލް" ނަމަކަށް ކިޔާ ކުންފުނީގެ ބޯޓެވެ. މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ކެންދޫ ބީޗްގައި ހުރި ފީފާތަކަށް ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. މިބޯޓްގައި ޖުމްލަ 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލްގެ ތެޔޮ ހުއްޓެވެ. މިހާދިސާ ހިނގާފައި ވަނީ ގޮނޑޮދޮށުގައި ހުރި ފީފާތަކަށް އޭގެ ތެރެއިން 1400 ލީޓަރުގެ ޕެޓްރޯލް ހުސްކުރި ފަހުންނެވެ.
މިހާދިސާގައި އަލިފާން ރޯވި ބޯޓް ހުކުރު ދުވަހު މެންދުރު 12:51 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ.