އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެ، އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މިވަގުތު އަވައްޓެރި ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދު އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭ ގޮތުން ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި 2018 ގެ ރިޔާސީ އިންތިޚާބުގައި އިންތިހާބުވާންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށެވެ. އަދި އިންތިގާލީ ރައީސްގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރަން ހުރި މަސައްކަތްތައް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އިންތިހާބުވާންޖެހޭނީ އިންތިގާލީ ވެރިއެއް. އެ ވެރިމީހާގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިއްތިގާލީ މުއްދަތެއްގައި ކުރާންހުރި މަސައްކަތްތައް. ހާއްސަ ގޮތެއްގައި ޖުޑިޝަރީ އިސްލާހު ކުރުމާއި ވެރިކަމުގެ ކަންކަން އިސްލާހު ކުރުން. މިދަންނަވާ އިސްލާހުގެ ތެރެއިން އެ އިންތިގާލީ ވެރިކަން ދިވެހިރާއްޖެއަށް އިންސާފުވެރި އިންތިހާބެއް ބޭއްވޭނޭ މަޝްރަހެއް ބޭއްވޭނޭ ޖާގައެއް ހޯދާދެވެންޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަކިވަކި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި އެކަން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"މިއަދު ޕާޓީތަކުން ނިކުމެ ވާދަކޮށް، އިންތިހާބަކުން މޮޅުވެ، މޮޅުވާނޭކަމުގެ ސައިންޓިފިކް ޔަގީން ލިބޭ ހާލެއްގައެއް ނޫން އަޅުގަނޑުމެން މިތިބީ. އަޅުގަނޑު ސައިންޓިފިކް ޔަގީންކަމޭ މިދަންނަވަނީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އިންތިހާބު މޮޅުވަނީ އަދަދު، ސައިންސް. މިއަދު އަޅުގަނޑުމެންނަށް ސާފު މަންޒަރު، އެމްޑީޕީއެކަންޏެއް ނޫން. ޖުމްހޫރީ ޕާޓީއަކަށް ވެސް އަދާލަތު ޕާޓީއަކަށް ވެސް އަދި ރައީސް މައުމޫނަކަށް ވެސް، އެއްވެސް ބޭފުޅަކަށް މިއިންތިހާބުން އެބޭފުޅުންނަށް ކާމިޔާބު ވެވޭނޭ ސާފު މަންޒަރެއް ނުފެންނާނެ. ހަމަގައިމު ވެސް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓްގެ މައިގަނޑު މަސައްކަތަކަށް ވާންޖެހޭނީ ޖުޑިޝަރީ އާއި ވެރިކަމުގެ ނިޒާމް އިސްލާހުކޮށް، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގު ކޮށައިދިނުން ކަމަށެވެ.
"ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް އިންތިގާލީ މުއްދަތަކަށް ނެރުމީ އެއީ އަޅުގަނޑަށް ފެންނަފެނުމުގައި މިޕާޓީގެ މެމްބަރުންގެ ތެރެއިން ވެރިކަމުގެ އުއްމީދުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ވެސް މި ޕާޓީއަށް ވެސް އަދި ދިވެހިރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތް. އިންތިގާލީ ރައީސަކު އިންތިހާބު ކުރުން، އެ ރައީސަކު އިންތިގާލީ މުއްދަތެއްގައި ރައީސްކަންކޮށް، ރައްޔިތުން އެދޭ އިސްލާހުތައް ގެނައުން. 2018 ވަނަ އަހަރު އިންތިގާލީ މުއްދަތަކަށް އިންތިހާބުކުރާ އިންތިގާލީ ރައީސް މެނިފެސްޓޯ ބިނާ ބިނާކުރަންޖެހޭ، އެމެނިފެސްޓޯގައި މައިގަނޑު އަމާޒަކީ އަބަދު ވެސް މެނިފެސްޓޯގެ މައިގަނޑު އަމާޒު. ތާހިރު ދިރިއުޅުމާއި ތަނަވަސްކަން، ޖީބަށް ފައިސާވަނުން. ރިވެތިކޮށްއުޅެވޭނޭ ގޮތްވުން. ބޯހިޔާވަހިކަަމެއް ލިބުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ތާއީދު ކުރައްވާފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ވެސް ވިސްނުން އެއް ކެނޑިޑޭޓެއް ނެރުމަށް ތާއީދު ކުރައްވާކަން ފާޅުގައި ހާމަ ނުކުރެއްވިޔަސް އެފަދަ އިޝާރާތްތައް ދެމުން ގެންދާކަން ހާމަކުރައްވާފައި ވެއެވެ.
Party thakun 1 candidate vaadhakoh inthigaalee sarukaarehge therein islaah genaumah Raees @MohamedNasheed gengulhuvvaa visnunfulhah thaaeedh pic.twitter.com/5Z0VXdovch
— Ahmed Mahloof (@AhmedMahloof) October 21, 2017