ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން، ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްތައް އަދި ދޫ ކުރަން ފަށާފައިނުވާ ކަމަށާއި ފްލެޓްތައް ވަރަށް އަވަހަށް ހޮވުނު ފަރާތްތަކަށް ހަވާލު ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން 661 މީހަކަށް ފްލެޓް ލިބުނުކަން ހައުސިންގ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ތެރެއިން ފްލެޓް ލިބުނު ކަމަށް ބުނާ 500 މީހުންގެ ފޯމް ނަމްބަރާއި ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ފްލެޓް ލިބުނު ކަމަށް ބުނާ 161 މީހުންގެ ފޯމް ނަމްބަރެވެ. މި ފްލެޓްތަކަށް އެދި 15,000 ވުރެ ގިނަ މީހުން ކުރިމަތިލާފައި ވެއެވެ.
ފްލެޓްތައް ލިބުނު ފަރާތްތަކާ ހަވާލުކުރަން ނުފަށާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައި މި ވަނީ މި ފަހަރު ފްލެޓް ލިބުނު ބައެއް މީހުންނާ ފްލެޓްތައް ހަވާލުކޮށް އެތަންތަނަށް ބަދަލުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
މި ފްލެޓްތައް ދިނުމުގައި ނިކަމެތިންނަށް އިސްކަންދީފައިވާނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އަދި އިއުލާނުކުރި ފައިނަލް ލިސްޓަކީ ބަލަންޖެހޭ މިންގަނޑުތައް ބެލުމަށްފަހު އިއުލާނުކޮށްފައިވާ ލިސްޓެއް ކަމަށް ވެސް މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކާއި މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތުތައް ހާމަކޮށްފައިނުވުމަކީ، ދެފުން ފެންނަ ގޮތަކަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ބުނެފައެވެެ. މި މައުލޫމާތުތައް ހާމަނުކުރުމުން ފްލެޓް ދިނުމުގައި އިންސާފުން ބޭރުން ކަންކަން ކުރުމަށް މަގުފަހިވާކަން ފާހަގަކޮށް، ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް ހައުސިންގ މިނިސްޓަރަށް ގޮވާލާފައި ވެއެވެ.
ފްލެޓް ލިބޭ މީހުންގެ ނަންތައް ސިއްރުކުރުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފަ އެވެ. އެ މައްސަލަ އޭސީސީން އަންނަނީ ބަލަމުންނެވެ.
ސަރުކާރުން ވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް 1,000 ފްލެޓް ދިނުމުގެ ޕްރޮގްރާމުގެ އިތުރުން، އަލަތު ކައިވެނި ކުރާ މީހުންނަށް ހާއްސަކޮށް އެއް ކޮޓަރީގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ. މި ފްލެޓްތައް ހުޅުމާލޭގައި އަޅާއިރު އެކަމަށް 14 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ އަންނަ އަހަރުގެ މެދުތެރޭގައި 7,000 ފްލެޓް ދޫކުރާނެ ކަން އިއުލާނުކޮށްފަ އެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 368.9 މިލިއަން ޑޮލަރުގެ ލޯން ގެރެންޓީއެއް ޗައިނާ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމައިފައިވެ އެވެ. މި ފްލެޓްތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރުގައި ފެށޭނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯ ހިޔާވަހިކަމުގެ މަޝްރޫއުތަކާ އެކު މި 7000 ފްލެޓް އެޅުމުން މާލޭގެ ރައްޔިތުންނަށްް ދިމާވެފައިވާ ގެދޮތުގެ ދަތިކަަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ. އަދި ދައުރު ނިމުމުގެ ކުރިން އިތުރު 8،000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި ފްލެޓް ލިބޭނެ ކަމުގެ ގާނޫނީ ލިޔުން ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.