ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަލުން ޖަލަށް ބަދަލު ކޮށްފިއެވެ.
ޝެއިހް އިމްރާން ޖަލަށް ބަދަލުކޮށްފައވާއިރު، އެމަނިކުފާނު އެންމެ ފަހުން ގޭބަންދަށް ބަދަލުކުރީ މީގެ މަސްދުވަސްކުރިން، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ. މީގެކުރިން ވެސް އިމްރާން ޖަލު ބަންދުން ގޭބަންދަށް ބަދަލު ކޮށްފައިވެއެވެ.
President of Adhaalath Party, @ShimranAb is being taken back to prison to execute the unjust 12 year sentence for speaking against tyranny.
— Adhaalath Party (@AdhaalathOffice) October 21, 2017
ބާރަ އަހަރުގެ ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން އެންމެ ފަހުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އެމަނިކުފާނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެން ދުވަހާއި ދިމާކޮށެވެ. އިމްރާންގެ އަނބިކަނބަލުން ވިހެއީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗްގައެވެ.
އޭގެކުރިން އިމްރާން އެންމެ ފަހުން ގޭބަންދަށް ބަދަލުކުރީ މިދިޔަ ރޯދަ މަހަށެވެ. އަދި ރޯދަ މަސް ނިމުމާއެކު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. އަދި އަނބުރާ ޖަލަށް ބަދަލު ކުރެއްވުމަށް ކްރެކްޝަނުން ބަލާ ދިއުމުން ގެއިން ނިކުމެވަޑައިގަންނަވަމުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއާއި ގުޅިގެން އިމްރާނާއިމެދު ހަރުކަށި ގޮތަކަށް ކަރެކްޝަނަލް ސާވިސްއިން އިން ގެންދިޔައީ އަމަލުކުރަމުންނެވެ.
އެގޮތުން މާފުށީގެ ކުޑަ ކޮޅިއަކަށް ބަދަލު ކުރައްވާ އަދަބު އެތައް ގުނަ އަކަށް ބޮޑު ކޮށްފައިވާ ކަމަށާއި އިމްރާނާމެދު އަމަލު ކުރަމުންދަނީ އިންސާނިއްޔަތާ ހިލާފަށް ކަމަށް އޭނާގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. ވަކީލުންގެ ބައްދަލުވުމަށް ނެރުއްވާ އިރު ވެސް ހުންނަވަނީ ބިޑި އަޅުވާފައި ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.
އިމްރާން ޖަލަށްލާފައި ވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީ އިސްކޮށް އޮވެ 2015 ވަނަ އަހަރު މާލޭގައި ބޭއްވި "މޭޑޭ މުޒާހަރާ"ގައި އިމްރާން ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.