މުދާ ހިފައިގެން ރާއްޖެއަށް ދަތުރުކުރަމުންދަނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު އިންޑިއާ ބޯޓު ފެނިއްޖެ އެވެ.
އެމްއެސްވީ މާރިއާ ރޮބާޓް އިރުދަޔާ ވިޖޭ ނަމަކަށް ކިޔާ އެ ބޯޓު، މުދާ ހިފައިގެން ރާއްޖެއަށް ދަތުރުކުރުމަށް އިންޑިއާގެ ޓުޓުކޮރިން އިން ފުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އިންޑިއާއިން ފުރިތާ މާގިނައިރުތަކެއް ނުވަނީސް އެ ބޯޓާ މުވާސަލާތީ ގުޅުން ކެނޑި ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.
ރާއްޖެއަށް އެ ބޯޓް އަންނަން ހަމަޖެހިފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ހަތް މީހުންނާއެކު ދަތުރުކުރި އެ ބޯޓާ މުވާސަލާތީ ގުޅުން ކެނޑުމާއެކު ބޯޓުގެ ވެރިފަރާތުން ވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށާއި އިންޑިއާގެ ކޯސްޓް ގާޑަށް އެކަން އަންގާފަ އެވެ.
އެމީހުން ހޯދުމުގައި އެހީތެރިކަމަށް އެދި ބޯޓުގެ ފަސިންޖަރުންތަކުގެ އާއިލާތަކުންނާއި ބޯޓުގެ ވެރިފަރާތުން ވަނީ ޓުޓިކޮރިންގެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނަށް ވެސް ހުށަހަޅާފަ އެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވަނިކޮށް ފަހުން އެނގުނީ ލަންކާގެ މަސްވެރިންތަކަކަށް އެ ބޯޓް ފެނިގެން ސަލާމަތް ކޮށްފައިވާ ކަމެވެ. ލަންކާ މަސްވެރިންތަކަކަށް ބޯޓް ފެނުނީ އެގައުމުގެ ގޯލްގެ އައްސޭރިފަށާ 65 ނޯޓިކަލް މޭލު ބޭރުންނެވެ. ލަންކާ ކޯސްޓްގެ މަނަވަރަކުން ވަނީ ބޯޓް ކައިރިއަަށް ގޮސް މީހުން ސަލާމަތްކޮށްފަ އެވެ. އަދި ބޯޓް ކަފު ޖަހައިގެން ގޯލް ބަނދަރަށް މިހާރު ވަނީ ވައްދާފަ އެވެ.
އެ ބޯޓް ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ 50 ޓަނުގެ ފަރޓިލަައިޒާ އާއި 17 ޓަނުގެ ތަރުކާރީ ހިފައިގެންނެވެ. ބޯޓަށް ދިމާވި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ރަނގަޅު މުވާސަލާތީ ނިޒާމެއް ގާއިމްކުރެވިފައިނެތުމަކީ އިންޑިއާގެ ބޯޓްތަކަށް ދިމާވާ މައްސަލައެކެވެ. އެގޮތުން އިންޑިއާއިން ނައްޓާލަމުން ވަޔަލަސް ސެޓުން އަންގަ އެވެ. އެ ސެޓްގެ ފްރިކުއެންސީ އިން ބޭރުވުމަށް ފަހު މުވާސަލާތީ ޚިދުމަތް ހުއްޓުމަކަށް އަންނަ އިރު ކިތަންމެ ބޮޑު ކަމެއް ވިޔަސް އަންގާނެ ގޮތެއް ނޯވެ އެވެ. ފުރާ ބަނދަރުން ނައްޓާލުމަށް ފަހު ބޯޓުގެ ވެރިފަރާތަށް ދެން ޚަބަރެއް ވާނީ މަންޒިލަށް ދެވުމުންނެވެ.
މީގެ ކުރިން 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ކައިރިއަށް އިންޑިއާގެ ބޯޓެއް ގެއްލުނެވެ. އެ ވެސް ޓުޓިކޮރިން އިން ފުރި ބޯޓަކަށްވާއިރު، މިއަދާ ހަމައަށް ވެސް ބޯޓުގެ ފަސިންޖަރުންނާއި ބޯޓަށް ވީގޮތެއް ހޯދިފައެއް ނުވެ އެވެ.