ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ހެނދުނު 11:30 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ދައުވާ އަށް ޖަވާބުދާރީވުމެވެ.
ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު އެވެ.
ފާރިސް ހުންނެވީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ތުޙުމަތުގައި ބަންދުގައެވެ. ނަމަވެސް ޖަލު މަރާމާތުކުރުމަށް ކަމަށް ބުނެ މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ބަންދުގައި ހުންނަވާ އިރު އޭނާގެ މައްޗަށް އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާއަށް ޖަވާބުދާރީވުމަށް ވެސް ތައްޔާރުވާން ޖެހެ އެވެ. އެހެން ނަމަވެސް އެތަނުގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ބެލޭނެ އިންތިޒާމް ނެތި އެ ދައުވާއަށް ޖަވާބުދާރީވާން ޖެހުމަކީ މައްސަލައެއް ކަމަށް ފާރިސްގެ ވަކީލުން އެ އަޑުއެހުމުގައި ފާހަގަ ކުރެއްވި އެވެ.
ފާރިސްގެ ވަކީލުން ވަނީ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ކަންކަން އިޖްރާއަތްތަކާ ހިލާފަށް ދާތީ ބެލެނިވެރިކަމުގެ އިހްތިސާސް ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަދި ނުނިމޭކަން ފާހަގަ ކުރައްވާފަ އެވެ. އަދި ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމާ، ކްރިމިނަލް ކޯޓުން ކޮށްފައިވާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ފާހަގަ ކުރައްވައި ފާރިސްގެ ފަރާތުން ޝަރީއަތް މެދުކަނޑާލުމަށް ވެސް އެދުނެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ގަވައިދުތައް ހަދާފައިނުވާއިރު މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ ކޮން އުސޫލެއް ދަށުންތޯ ފާރިސްގެ ވަކީލުން ވަނީ ސުވާލު ކުރައްވާފަ އެވެ. އެހެން ކަމުން ޝަރީއަތުން ވަނީ މަތީ މަރުހަލާގެ ދެ ކޯޓަށް އެ މައްސަލައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަންކަން ހުރުމުން އެ ކޯޓުގެ ލަފައަކަށް އެދޭނެ ކަމަށް ބުނެފަ އެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމުގައި މަތީ މަރުހަލާގެ ކޯޓުތަކުން ދީފައިވާ ލަފާ ފާރިސްއާ ހިއްސާކުރާނެ އެވެ.
ފާރިސްގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައިވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މި އަހަރުގެ މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
ދައުވާ ސާބިތުކުރުމަށް ދައުލަތުން ދެ ހެއްކެއް ވަނީ ހުށަހަޅާފައެވެ. އަދި އެ ހެކިންގެ ހެކިބަސް ނަގަން ހުށަހަޅަނީ ސިއްރުކޮށްގެން ކަމަށް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ޕީޕީއެމްއިން ފާރިސް ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ނަން އުނިކޮށްފައިވާކަން ހާމަކޮށްދޭ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކާއި، ފާރިސް ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ގަރީނާގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.
ޝަހްސް އޮޅުވާލުމުގެ ދައުވާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ފާޜިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކޮށް އެ ޝަރީއަތް ވެސް ދަނީ ހިންގަމުންނެވެ.