ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑޫ ސިޓީ މީދޫއަށް ވަޑައިގަތުމައި ދިމާކޮށް، އެ ރަށު ރައްޔިތުން އިހުތިޖާޖްކޮށްފި އެވެ.
ރާއްޖެޓީވީއަށް މައުލޫމާތުދެމުން އެމްޑީޕީ އައްދޫ ސިޓީ މީދޫ ދާއިރާގެ ނައިބު ރައީސް ވިދާޅުވީ، ފާތިމަތު އިބްރާހިމް އެ ރަށަށް ވަޑައިގަތުމާ ދިމާކޮށް ގިނަ އަދަދެއް ރައްޔިތުން ސުލްހަވެރިކަމާ އެކު ޝުއޫރުފާޅުކޮށް، އިހުތިޖާޖްކޮށްފައިވާ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު ކުރިއަށްގެންދިޔަ އެ އިހުތިޖާޖް ފެށުމުގެ ކުރިން މަގުގެ އެއްފަރަތުގައި ތިބެ ޝުއޫރުފާޅުކުރުމުގެ ހުއްދަ ފުލުހުން ދިން ނަމަވެސް، ފާތިމަތު އިބްރާހިމް ވަޑައިގަތުމާއެކު ބާރުގެ ބޭނުންކޮށް އިހުތިޖާޖްގެ ބައިވެރިން ފަހަތަށް ޖައްސާނެކަމުގެ އިންޒާރުދީ، އާންމު ރައްޔިތުން ފަހަތަށް ޖައްސަން ފެށި ކަމަށެވެ.
އޭނާ ވިދާޅުވީ، މެޑަމް ފާތުން ވަޑައިގަތުމާ އެކު އިހުތިޖާޖްގެ ބައިވެރިން 100 ފޫޓު ދުރަށްޖެއްސި ކަމަށެވެ. އަދި އިހުތިޖާޖް ކުރިއަށްގެންގޮސްފައި ވަނީ ސުލްހަވެރިކަމާއެކުގައި ކަމަށާއި، އިހުތިޖާޖްގައި މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ، ކަރަންޓުގެ އަގު ތިރިކޮށްދިނުމަށް ކަމަށެވެ.
އޭގެ އިތުރުން ވައްކަން ކުރުން ހުއްޓާލުމަށާއި، ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައިދިނުމަށް ގޮވާލާފައިވާ ކަމަށާއި، ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެވޭ ފަދަ އިންތިހާބެއް 2018 ގައި ބޭއްވުމަށް ވެސް ރައްޔިތުން ގޮވާލާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލުން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ "އެންމެ ގާތުން" ނަމުގައި ކުރިއަށްގެންދާ ކެމްޕޭންގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އަދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީން ވަނީ އެކަމަނާއަށް މަރުހަބާކީ ކަމުގައިވިނަމަވެސް ރައްޔިތުންގެ ހުރި ކަންބޮޑުންތައް ހިއްސާކުރުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރާވާފަ އެވެ. ރައީސްގެ އަނބިކަނބަލުންގެ ދަތުރުފުޅާ ގުޅިގެން ސަރުކަރުގެ ކުންފުނިތަކުން ހާއްސަ ކަންތައްތައް ކުރިއަށްގެންގޮސް، ކުންފުނިތަކުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އަދި ކުންފުނިތަކުގެ މުވައްޒިފުން، މެޑަމް ފާތިމަތު އިބްރާހިމަށް މަރުހަބާ ކިޔުމަށް ނިކުތުމަށް ވެސް މަޖުބޫރުކުރުވަމުންގެންދާ ކަމަށް ބައެއް މުވައްޒިފުން ބުނެފައި ވެއެވެ.