ކުޑަ ގަނޑުކޮޅެއްގައި ނަމްބަރެއް ޖެހުމަށް ފަހު، އެ ގަނޑު ކޮޅު ހިފައިގެން މިރޭ ޕީޕީއެމުން ބާއްވާ ޖަލްސާއަށް ދިޔުމަށް ސަރުކަރުގެ ކުންފުނިތަކުގެ މުވައްޒިފުންނަށް މަޖުބޫރުކޮށް އަންގަން ފަށައިފި އެވެ.
ނަން ނުޖެހުމަށް އެދި، ރާއްޖެޓީވީއަށް މައުލޫމާތު ހިއްސާކުރި އެމްޕީއެލްގެ މުވައްޒިފަކު ބުނީ ކުންފުނިން މުވައްޒިފުންނަށް ގަނޑުކޮޅެއްދީފައި ވާކަމަށެވެ. އަދި ގަނޑުކޮޅުގެ ދެ ފަރާތުގައި ވެސް ނަމްބަރެއް ޖަހާފައިވާ ކަމަށާއި، އެއީ ކޮން ނަމްބަރެއް ކަމެއް ނޭނގޭ ކަމަށެވެ. އޭނާ ބުނީ އެ ގަނޑުކޮޅު ހިފައިގެން ޖަލްސާއަށް ދިޔުމަށް އަންގާފައިވާ ކަމަށެވެ.
ގަނޑުކޮޅު ހިފައިގެން ޖަލްސާއަށް ދިޔުމުން ވަންނަންޖެހޭނީ ހައްސަ ދޮރަކުން ކަމަށާއި، ދޮރު ކައިރީގައި އެމްޕީއެލްގެ އަންހެން މުވައްޒިފުންތަކެއް ތިބޭނެ ކަމަށް އަންގާފައިވާ ކަމަށް އެ މުވައްޒިފު ބުންޏެވެ. އަދި ޖަލްސާއަށް ދިޔުމަކީ މަޖުބޫރުކަމެއް ކަމަށް މުވައްޒިފުންނަށް އެމްޕީއެލްގެ ސީނިއާ ވެރިން އަންގާފައިވާ ކަމަށާއި، ގަނޑުކޮޅެއްދިންކަން މީޑިއާއަށް ނޭނގުމަށް ވެސް ވެރިން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ނަމްބަރު ޖެހި ގަނޑުކޮޅުތައް އެމްޕީއެލްގެ މުވައްޒިފުންނާ ހަވާލުކޮށްފައި ވަނީ ބުރާސްފަތި ދުވަހު 2:00 ހާއިރުގަ އެވެ.
އެމްޕީއެލްގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތަކުގެ މުވައްޒިފުންނަށާއި، ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނަށް ވެސް އެގޮތަށް އަންގާފައިވާކަން މުވައްޒިފުން ވަނީ ރާއްޖެޓީވީއަށް ކަށަވަރުކޮށްދީފަ އެވެ. މީގެ އިތުރުން ކުންފުނިތްކާއި އޮފީސްތަކުގެ މުވައްޒަފުން ގޮސް ތިބޭނެ ތަރުތީބު އަންގައިދޭ ޗާޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.