ބަންގްލަދޭޝް އިން ރާއްޖެ އައި ޢުމުރުން 26 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމް ސާރވިސްއިން ބުނީ ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި ބަންގުލަދޭޝް މީހާގެ ޢަމަލުތައް ހުރި ގޮތުން އޭނާއާ މެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން، އެތަކެތީގެ ޕްރިލިމިނަރީ ޓެސްޓްތައް ހެދިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްފެޓަމައިން އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. މީގެތެރޭގައި 1،057 ގުޅަ ހިމެނޭއިރު، މިތަކެތީގެ ޖުމުލަ ބަރުދަނުގައި 330 ގުރާމު ހުރި ކަމަށް ވެސް ބުނެފައި ވެއެވެ.
މިކޭސްގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި، އިތުރު ތަޙްޤީޤަށް، މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.