އެސްއެސްސީ އިމްތިހާންގެ އިސްލާމް ޕޭޕަރު ދަރިވަރުންނަށް ކިޔައިދިން މައްސަލައެއް ފެންމަތިވެ، އެކަން ފާހަގަކުރި ދެ މުދައްރިސަކަށް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު އަޅައިފި އެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި އެސްއެސްސީ އިމްތިހާންގެ އިސްލާމް ޕޭޕަރު ދަރިވަރުންނަށް ކިޔައިދިން މައްސަލައެއް ފެންމަތިވެފައި ވަނީ އެސްއެސްއީ އަދި އެޗްއެސްސީގެ އިސްލާމް ޕޭޕަރު ތައްޔާރުކުރި ސެންޓަރ ފޯ ހަޔަރަ ސެކެންޑަރީ އެޑިއުކޭޝަން (ސީއެސްއެސްއީ) އަދި ވިލާ އިންޓަނޭޝަނަލްގެ މުދައްރިސުން ޕޭޕަރު ތައްޔާރުކުރުމަށް ފަހު ދަރިވަރުންނަށް އެ ޕޭޕަރުގައިވާ ބައިތަކާއި، ޕޭޕަރުގައި ހިމެނޭ ސުވާލުތައް ކިޔާދީފައިވާތީ އެވެ. އަދި ކުދިން ވެސް އެގޮތަށް އެ މުދައްރިސުން ޕޭޕަރުގައި ހިމެނޭ ބައިތަކާއި، ސުވާލުތައް ކިޔާދީފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެއެވެ.
އެގޮތަށް ތުހުމަތުކުރެވި މައްސަލައިގެ ހަޤީޤަތް ހޯދުމަށް މަސައްކަތްކުރުމުން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން، ޕޭޕަރު މާކުކުރުމުގައި މަސައްކަތްކުރާ ސީނިއާ ދެ މުދައްރިސަކު ޕޭޕަރު މާކުކުރުމާއި، މޮޑަރޭޝަންގައި ބައިވެރިނުވެވޭ ގޮތަށް ފިޔަވަޅުއަޅާފައިވާކަން ރާއްޖެޓީވީއަށް އެނގިފައި ވެއެވެ.
ރާއްޖެޓީވީއަށް އެނގިފައިވާގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ފިޔަވަޅު އަޅާފައި ވަނީ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި ދެ މުދައްރިސަކަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އަދި އެޑިއުކޭޝަން މިނިސްޓްރިގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕޭޕަރު ލީކްކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕޭޕަރު ލީކްނުވާ ކަމަށް ބުނެފައެވެ.