ރައްކާތެރިގޮތުގައި ކުނި ނަގައި، ނައްތާލުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށްޓަކައި ބޭނުންވާ މުވައްޒަފުން ހޯދުމަށް، ވިލިމާލޭގައި އޯޕަންޑޭ ހަރަކާތެއް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ، މުޙައްމަދު އިޤްބާލް ވިދާޅުވީ، މި އޯޕަންޑޭ ހަރަކާތް ކުރިއަށްދާނީ 20 އޮކްޓޯބަރ ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އަދި 20:00 އިން 22:00 އަށް ކަމަށެވެ.
ވެމްކޯގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖަރ މަރިޔަމް އައްޒަ ވިދާޅުވީ، ހުކުރު ދުވަހު އޮންނަ އޯޕަންޑޭ ހަރަކާތުގައި 7 މަޤާމަކަށް ވޯކްއިން އިންޓަރވިއުތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން، އެސިސްޓަންޓް މެނޭޖަރ، ޑިއުޓީ އޮފިސަރ، ސުޕަވައިޒަރ، ޑްރައިވަރ، ވެށިފާރަވެރިން (ކުނި ނަގާ މީހުން)، އަދި އެސިސްޓަންޓް ކަލެކްޝަން އޮފިސަރާއި، ކޭޝިއަރގެ މަޤާމަށް މީހުން ނަގާނެ ކަމަށާއި، ޖުމްލަ ފަންސާހެއްހާ މީހުންނަށް މި އޯޕަންޑޭގައި ވަޒީފާ ދެވޭނެ ކަމަށެވެ. އައްޒަ ވިދާޅުވީ، އޯޕަންޑޭއަށް ދާއިރު ވަޒީފާއަށް އެދޭ ފަރާތްތަކުން ބޭނުންވާ ވަޒީފާއާ ގުޅޭ ގޮތުން ތަޢުލީމީ ސެޓްފިކެޓްތަކާއި، އަދި ޕޮލިސް ރިޕޯޓް ގެންދަން ޖެހޭނެ ކަމަށެވެ. އައްޒަ އިތުރަށް ވިދާޅުވީ ވަޒީފާއަށް އެދޭ ފަރާތްތައް އޯޕަންޑޭއަށް ދާއިރު ޕޮލިސް ރިޕޯޓް ލިބިފައި ނެތް ނަމަ، އޯޕަންޑޭގައި އިންޓަރވިއު ނިންމުމަށް ފަހު ވީ އެންމެ އަވަހަކަށް ވެމްކޯއަށް ޕޮލިސް ރިޕޯޓް ހުށަހެޅުމުން ވެސް ވަޒީފާގެ ކަންކަން ހަމަޖެހޭނެ ކަމަށެވެ.
އަންނަ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ވިލިމާލޭގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، 21 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހުން ފެށިގެން 30 އޮކްޓޯބަރ އާއި ހަމައަށް ވިލިމާލޭ ޔޫތު ސެންޓަރުގައި ޚިދުމަތަށް ރެޖިސްޓަރ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ހަވީރު 4 އިން ރޭގަނޑު 10 އަށް މި މަސައްކަތް ކުރިއަށްދާނެއެވެ.
އިޤްބާލް ވިދާޅުވީ، ވިލިމާލޭގައި ޚިދުމަތް ފަށާއިރު، ކުނި އުފުލުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި، ބެޓަރީ ޓްރައިސިކަލް ކަމަށެވެ.
އިޤްބާލް އިތުރަށް ވިދާޅުވީ، ވެމްކޯއިން ވިލިމާލޭގައި ޚިދުމަތް ފަށަން ތައްޔާރުވާއިރު، ވެމްކޯއިން ވިލިމާލޭގެ ކުނި މެނޭޖް ކުރުމާއި ހަވާލުވުމުގެ ކުރިން އެ އަވަށުގައި ކުނި މެނޭޖް ކުރަމުންދާ ގޮތާއި ގުޅޭގޮތުން ހަދާ ސަރވޭއެއް ބުރާސްފަތި ދުވަހުން ފެށިގެން ފަށާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ވެމްކޯގެ އެންމެ ބޮޑު އެއް އަމާޒަކީ ސައްތައިން ސައްތަ ދިވެހި މުވައްޒަފުންނާ އެކު ވިލިމާލޭގައި ޚިދުމަތް ފެށުން ކަމަށެވެ.