ރާއްޖެ ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުގެ މަޖިލިސް މެމްބަރުންގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިންޓަރ ޕާލަމެންޓްރީ ޔޫނިއަންއިން ނެރުނު ބަޔާނަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަޖިލިސް މެމްބަރުންގެ ޙާލަތާއި ރާއްޖޭގެ ކަންކަން ބެލުމަށް އައިޕީޔޫގެ ފެކްޓް ފައިންޑިންގ މިޝަންއެއް ފޮނުވުމަށް އައިޕީޔޫގެ މެމްބަރުންގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނިންމި ނިންމުމަށް ތާޢިދުކުރައްވާކަމަށެވެ.
I warmly welcome the IPU position in support of our opposition MPs..1/2
— Maumoon Abdul Gayoom (@maumoonagayoom) October 18, 2017
..& the offer of protection & redress by IPU committee on human rights of MPs, to our individual MPs suffering from human rights abuses 2/2.
— Maumoon Abdul Gayoom (@maumoonagayoom) October 18, 2017
އައިޕީޔޫގެގެ އެސެމްބްލީއަށް ރާއްޖޭގެ އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުކުމަކާއި ނުލައި ޖަލުގައި ބަންދުކޮށްގެން އުޅޭ މައްސަލަ ހިމެނެއެވެ. މަޖިލިސް މެމްބަރުންތަކެއް ހައްޔަރުކޮށް، ބައެއް މެމްބަރުންގެ ގޮނޑިތައް ގެއްލުވާލި މައްސަލައިގައި އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސިފައިން މަޖިލިސް ހިސާރުކޮށްގެން ތިބޭ މައްސަލައިގައިވެސް އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ޓްވީޓްކުރެއްވިއިރު ރައީސް މައުމޫން ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާއިއެކު މެލޭޝިއާގައެވެ.