ރާއްޖޭއަށް ފުރަތަމަ ފަހަރަށް ތައާރުފުކުރި ޕާސްޕޯޓް ކާޑު ހަދަން ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލާރ، މުހައްމަދު އަންވަރު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ހެނދުނު ޕާސްޕޯޓް ކާޑާއި ގުޅޭ ގޮތުން އިމިގްރޭޝަނާއި އެލައިޑާއި އަދި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަން އިފްތިތާޙްކޮށްދެއްވަމުން މުނައްވަރު ވިދާޅުވީ، ރާއްޖޭއަށް ފުރަތަމަ ފަހަރަށް ތައާރުފުކުރި މި ޕާސްޕޯޓް ކާޑު ހައްދަން ބޭނުންވާ މީހުން އެކަމަށް އެދި މިހާރުވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އެހެންކަމުން މި މައުލޫމާތުދިނުމުގެ ސެޝަންގެ ތެރެއިން ލިބޭ މައުލޫމާތުތައް ވީހާވެސް ގިނަ ފަރާތްތަކަށް ހިއްސާކޮށްދިނުމަށް އަންވަރު އެދިވަޑައިގެންނެވިއެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއިން ފަރުމާކުރި ކާޑަކީ ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑު ހެލްތް އިންޝިއުރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްގެ އެހީތެރިކަމާއެކު އުފެއްދި ކާޑެއް ކަމަށެވެ.
ޕާސްޕޯޓް ކާޑަކީ ދިވެހިންގެ ޒަމާނީ، ދިރިއުޅުމާއި އެއްގޮތަށް ބައްޓަން ކުރެވިފައިވާ ސަލާމަތީ ގޮތުން ވަރަށް ރައްކާތެރި އަދި ގިނަ ބޭނުންތަކެއް ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކާޑެއް ކަމަށް އިމިގްރޭޝަންގެ މީޑިޔާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވިއެވެ.
ގިނަ ލޭޔަރުތަކެއްގައި ޕިޒިކަލް އަދި އިލެކްޓްރޯނިކް ގިނަ ސަލާމަތީ ސިފަތައް ހިމަނައިގެން އިންޓަރނޭޝަލް ޑޮކިއުމެންޓް ސެކިއުރިޓީ ސްޓޭންޑަރޑު މިންގަނޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބެން ހުރި އެންމެ ޒަމާނީ ސަލާމަތީ ސިފަތައް މިކާޑުގައި ހިމެނިފައިވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި ކާޑުގެ އިލެކްރޯނިކް ޗިޕަކީ ޑުއަލް އިންޓަރފޭސްކޮށް ބޭނުން ކުރެވޭ، އަދި ކާޑުގެ މައުލޫމާތުތައް ރައްކާތެރިކަމާއި އެކު ކޮންޕާޓުމެންޓަލައިޒްކޮށް ރައްކާ ކުރެވޭނެ ޗިޕެކެވެ. މި ޗިޕްގައި ވެރިފަރާތުގެ ޕާސްޕޯޓް އަދި އައިޑެންޓިޓީ ކާޑުގެ މައުލޫމާތާއި ބޭންކް އޮފް މޯލްޑިވްސް ކާޑު މައުލޫމާތު ހުންނާނެއެވެ. މީގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ އިންޝިއަރެންސް މައުލޫމާތާއި ޑްރައިވިންގ ލައިސެންސް މައުލޫމާތު ހިމެނޭނެއެވެ.
ޕޭމެންޓް ފެސިލިޓީސްގެ ޚިދުމަތް ހިމެނޭ ފުރަތަމަ ކާޑަށް މިކާޑުވެގެންދާ އިރު މިކާޑު ހައްދާދެވޭނީ އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކާއި އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން މިކާޑު ބޭނުންވާ ފަރާތްތަކަށެވެ.
ޕާސްޕޯޓު ކާޑު ހެއްދުމަށް ފީއެއްގެ ގޮތުގައި 450 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، އިމިގްރޭޝަނުން ބުނީ މި ކާޑު ހަދައިދިނުމަށް ހަމަޖެހިފައިވަނީ 2016 ޖެނުއަރީގެ ފަހުން އީ-ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށާއި އަލަށް އީ ޕާސްޕޯޓު ހަދާފަރާތްތަކަށް ކަމަށެވެ.
ރާއްޖެއިން ބޭރަށް ދިއުމަށާއި ރާއްޖެ އެތެރެވުމަށް މި ކާޑުގެ ބޭނުން ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ރާއްޖެއިން ބޭރަށް ދިއުމަށް މި ކާޑު ބޭނުން ކުރެވުނު ނަމަވެސް ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ބޯޑަރުގައި މި ކާޑުގެ ބޭނުން ކުރަން އަދި ފަށާފައި ނުވާތީ ކާޑު ގެންގުޅުއްވާ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދާއިރު ޕާސްޕޯޓު ގެންދަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ކާޑު ގެއްލިއްޖެ ނަމަ އިމިގްރޭޝަނަށް އަދި ބީއެމްއެލް ކާޑު ސެންޓަރަށް އަންގަން ޖެހޭނެ ކަމަށާއި އަލުން ކާޑު ހައްދައިދެވޭނީ ކާޑު ޕްރޮސެސިންގ ފީ އާއެކު ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކާޑު ހައްދަން ފަށާނީ އޮކްޓޯބަރ 24 ވަނަ ދުވަހުން ފެށިގެންނެވެ.