ކިނބިދޫ ދާއިރާގެ ކޮންމެ ރަށެއްގެ ރައްޔިތުން އެންމެ އިސްކަމެއްދޭ ޕްރޮޖެކްޓްތައް 2018އިގެ ބަޖެޓުގައި ހިމަނައިދިނުމަށް ސަރުކާރުގައި ދަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރަށް ފޮނުއްވި ސިޓީގައި އެދާއިރާގެ ހިމެނޭ ފަސް ރަށަށް ބޭނުންވާ ފަސްކަމެއް ވަނީ ހިމަނާފައެވެ.
މި ސިޓީގައި ފާހަގަކޮށްފައިވަނީ ކިނބިދޫ ދާއިރާގައި ހިމެނޭ 05 ރަށަށް 2018 ވަނަ އަހަރުގެ ބަޖެޓުގައި މަޝްރޫއުތަކެއް ހިމެނުމަށް އެރަށްރަށުގެ ކައުންސިލްތަކުން އެދިފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ ރަށަކުން އެންމެ އިސްކަމެއްދޭ އެއް ކަމެއް މިސިޓީގައި ބަޔާންކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ، ތ. އޮމަދޫގައި ބަނދަރު ހެދުން، ތ. ހިރިލަންދޫގައި ބިން ހިއްކުން، ތ. ކިނބިދޫގައި ނަރުދަމާ ނިޒާމް ޤާއިމްކޮށްދިނުން، ތ. ކަނޑޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށްދިނުމުގެ އިތުރުން ތ. ވަންދޫގެ ގިރާ ސަރަހައްދު ގޮނޑުދޮށް ހިމާޔަތްކޮށްދިނުމުގެ ޕްރޮޖެކްޓް ތަކެވެ.
Kinbidhoo dhaairaage komme rashehge rayyithun emme iskandhey project 2018 Budget gai himanaa dhinumah sarukaarugai dhannavaifin. pic.twitter.com/6bHP9qYmEA
— Abdulla Riyaz MP (@riyazabdulla) October 19, 2017
ބަޖެޓް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އަލަށް ބެޖެޓަށް ގެންނާނެ ކަންކަން ކަނޑައެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަރަހަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތައް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.