ބ ތުޅާދޫ ބަނދަރުގެ ނެރުމައްޗަށް ހިލަ ބަރުކޮށްފައިވާ ބާޖެއް އަރައި އެނެރުން ވަދެ ނުކުތުން ހަތަރު ދުވަހަށް ބަންދުވެފައި އޮތުމަށް ފަހު އެ ބާޖު ފުން ކޮށްފި އެވެ.
ބާޖު ފުންކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ 12:00 ޖަހާއެހާކަން ހާއިރު އެވެ. ބާޖު ނެރުމައްޗަށް އަރާފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ތުޅާދޫ ނެރުމައްޗަށް އެރި ބާޖު ބުދަ ދުވަހުގެ ރޭ ފުންކޮށްފައިވާ ކަމަށާއި އެ ބާޖު ނެރުމައްޗަށް އެރުމުގެ ސަބަބުން ތުޅާދޫ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެގޮތުން ތުޅާދޫ ބަނދަރަށް އެއްވެސް އުޅަނދަކަށް ކައިރި ކުރެވޭގޮތް ނުވެ، ރަށުން ފުރައިގެން އެއްވެސް ތަނަކަށް އެއްވެސް އުޅަނދަކަށް ދަތުރު ކުރެވޭނެ ގޮތެއްވެސް ނެތިފައި ރަށު ބަންދުގައި ތިބެންޖެހުނު ކަމަށް ރަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން ރަޝީދު ވިދާޅުވީ ތުޅާދޫގައި މަހަށްފުރާ އޮޑިދޯނި ފަހަރަށް މަހަށް ނިކުމެވޭގޮތް ނުވެ، ރަށުގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތަކާއި މުދާ ގެންނަ ބޯޓެއް ވެސް މާލެ ނުފުރި ތިން ދުވަސް ވަންދެން ރަށުގެ ބަނދަރުގައި އޮންނަން ޖެހުނު ކަމަށެވެ. އަދި ތުޅާދޫ ކައިރި ރަށްރަށުންނާއި ރިސޯޓްތަކުން އަންނަ މީސްމީހުން ތުޅާދޫއަށް ފައިބަން ޖެހުނީ ނެރުން ބޭރުގައި އޮވެ، ކުޑަ ޑިންގީތަކުގައި ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.
ނަމަވެސް ރަޝީދު ވިދާޅުވީ ބުދަ ދުވަހުގެ ރޭ ބާޖު ފުންކުރުމާއެކު ތުޅާދޫއަށް މުދާ އުފުލާ ބޯޓު މާލެ ފުރާފައިވާ ކަމަށާއި މިހާރު ދަތުރުފަތުރުގެ ކުރުމަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެ.
ބާޖު ފުންކުރީ ތުޅާދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީންގެ ޓަގެއްގެ އެހީގައެވެ.
ރަޝީދު ވިދާޅުވީ ހިލަ ހިފައިގެންއައި ބާޖު ތުޅާދޫ ނެރުމައްޗަށް އެރިނަމަވެސް ނެރަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.