އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ސިޔާމް ރިސޯޓްސްއާ ހަވާލުކޮށްފައިވާ ނ. މާފަރު އެއާޕޯޓުގެ މަޝްރޫއު އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ) ކުންފުންޏަކަށް ދިނުމަށް މަޝްވަރާ ކުރަމުންދާކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސަން ސިޔާމްގެ ކުންފުންޏާއެކު މާފަރު އެއާޕޯޓްގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރީ އޭޕްރީލް 26 ވަނަ ދުވަހު އެވެ.
މާފަރު އެއާޕޯޓްގެ މަޝްރޫއު ސަން ރިސޯޓްސްއާ ހަވާލުކުރީ ކުރިން އެ މަޝްރޫއު ހަވާލު ކޮށްފައި އޮތް، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީ ގައި އުވާލުމަށް ފަހު އެވެ. މިލޭނިއަމް ކެޕިޓަލް އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އާއިލީ ބޭފުޅެއް ކަމުގައިވާ މ. ޝޫރާ މަންޒިލް ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަރު އެއާޕޯޓުގެ މަޝްރޫއާ ގުޅޭ ގޮތުން ޔޫއޭއީގެ ޝާހީ ޚާންދާނުގެ މަސްލަހަތު އޮންނަ ކުންފުންޏަކާއެކު ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި، ކުރިން 1800 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ޔޫއޭއީގެ ކުންފުނިން ހުށަހަޅަނީ 2200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީ ކުރުމަށެވެ.
މާފަރު އެއާޕޯޓް 2200 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީ ކޮށްފިނަމަ، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި، ޔޫއޭއީގެ ޝާހީ އާއިލާއިން ނ. އަތޮޅުގެ ރިސޯޓެއްގެ މުއާމަލާތެއް ވެސް ވަނީ ހިންގާފަ އެވެ.
ސަން ރިސޯޓްސްއާ ހަވާލުކޮށްފައި އޮތް މަޝްރޫއާ ގުޅޭގޮތުން އެހެން ކުންފުންޏަކާއެކު މަޝްވަރާ ކުރަމުންދާކަން ރީޖަނަލް އެއާޕޯޓްސްއިން ދޮގެއް ނުކުރެ އެވެ.
މިކަމާ ގުޅޭ ގޮތުން މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވީ އެއާޕޯޓުގެ އަމަލީ އެއްވެސް މަސައްކަތެއް ސަން ކުންފުނިން މިހާތަނަށް ފަށާފައިނުވާ ކަމަށާއި އެއްވެސް ވެހިކަލެއް ވެސް ގެނެސްފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއާޕޯޓާ ގުޅޭ ގޮތުން ރީޖަނަލް އެއާޕޯޓްސްއާއެކު ބޭއްވި ބައްދަލުވުމުގައި، ޔޫއޭއީ ކުންފުންޏަކާއެކު މަޝްވަރާ ކުރަމުންދާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
އެހެންނަމަވެސް، މިހާތަނަށް ލިޔެކިޔުންތަކުގައި އޮތް ގޮތުން މާފަރު އެއާޕޯޓުގެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ސަން ކުންފުންޏާ ކަމަށާއި އެއްބަސްވުން ބާތިލްކުރި ކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.
މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށާއި ރިސޯޓެއް ތަރައްގީ ކުރުމަށް ސަން ކުންފުނިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން މަސައްކަތް ކޮށްފައިވެ އެވެ. އެ ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ދިނުމަށް ހަމަޖެހިފައި އޮތްއިރު، ސަރުކާރުން ގެރެންޓީ ދިންކަން ކަށަވަރު ކުރެވޭ ގޮތެއް ނުވި އެވެ.