ރާއްޖޭގައި އަމަލީ ގޮތުން އެކިއެކި މައްސަލަތަކުގައި ވަކާލާތުކުރައްވާ ގިނަ އަދަދެއްގެ ވަކީލުން، ޝަރުއީ ދާއިރާ އާއި މެދު ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތްކުރި ޕެޓިޝަންގައި ހުރި ކަންބޮޑުވުންތައް ސުޕްރީމް ކޯޓުންވެސް، އަދި ޤާނޫނީ އެއްވެސް ބޭފުޅަކުވެސް ދޮގުކުރައްވާފައި ނުވާކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މިހާރު ޝަރުޢީ ދާއިރާ އިސްލާޙު ކުރުމުގައި އިސްކޮށް އުޅުއްވާ އަލްއުސްތާޒް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަރުޢީ ދާއިރާ އިސްލާޙު ކުރުމުގައި އުޅުއްވާ ވަކީލުން ކުރިއަށްގެންދަވާ 'ދުސްތޫރީ ފަސާނާ' ޕެނަލް ޑިސްކަޝަންގެ ދެވަނަ ހަރަކާތުގައި ބުދަދުވަހުގެރޭ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، މީހަކާއިމެދު އިދާރީ ފިޔަވަޅެއް އަޅާއިރު، އެ ފިޔަވަޅަކީ އެމީހަކު ކާންބޯން ކުރާ މަސައްކަތަށް ހުރަސްއެޅޭފަދަ ފިޔަވަޅެއް ނަމަ، އެ ފިޔަވަޅު އެގޮތަށް އެޅި ސަބަބު ފުރިހަމައަށް ބަޔާންކޮށްދޭން ޖެހޭނެ ކަމަށާ، ރާއްޖޭގެ ޤާނޫނުތަކުންވެސް، އަދި ހައިކޯޓުގެ އަމުރުތަކުންވެސް އެކަން ކުރުމަށް އޮތީ އެހެން ކަމަށެވެ. ސުޕްރީމް ކޯޓަށް ބަލައިވެސް ނުގަންނަ އެ ޕެޓިޝަނާއި ގުޅިގެން ކަމަށްބުނެ، ވަކީލުންނާއި އެއްވެސް ސުވާލެއް ކުރުމެއް ނެތި ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކުރިއިރު، ޕެޓިޝަންގައި ހުރި ކަންބޮޑުވުންތައް ސުޕްރީމް ކޯޓުންވެސް، އަދި ޤާނޫނީ އެއްވެސް ބޭފުޅަކުވެސް ދޮގުކުރައްވާފައި ނުވާކަން ޝަމީމް ފާހަގަކުރެއްވިއެވެ. ޝަމީމް ވިދާޅުވީ، މީހަކާއި މެދު ފިޔަވަޅެއް އަޅާނަމަ އަޅަންވާނީވެސް، އަދި އެހެން ކަންކަން ކުރަންވާނީވެސް ހަމަޔާއި އުސޫލެއްގެ ތެރެއިން، ޤަބޫކުރެވޭ ތަރުތީބަކުން ކަމަށެވެ.
އިދާރީ ދާއިރާއިން އިންސާފުގެ ދޮރު ބަންދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އޭގެ ނަތީޖާ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އިދާރީ ނިންމުންތަކާއިމެދު ހިތްހަމަ ނުޖެހޭނަމަ އެކަން ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަކީ މިހާރުގެ ޤާނޫނުއަސާސީގައިވެސް އަދި ކުރީގެ ޤާނޫނުއަސާސީގައިވެސް ލިބިދީފައިވާ ޙައްޤެއް ކަމަށެވެ.
އިދާރީ ގޮތުން ހުށަހަޅަ މައްސަލައެއް، އެ މައްސަލަ ބަލަންޖެހޭ އިދާރާއިން ނުބަލައިފިނަމަ، އެ މައްސަލަ ބެލުމަށް އަމުރުކުރުމުގެ ބާރު ޤާނޫނުތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލަށް ދީފައިވަނީ ވަރަށް ބޮޑެތި ސަބަބުތަކެއް އޭގައި ހުރެކަން ފާހަގަކުރައްވާ ޝަމީމް ވަނީ ޤާނޫނުގައި އެގޮތަށް ލިއުމަށް މެދުވެރިވި މައިގަނޑު ހާދިސާ ހާމަކުރައްވާފައެވެ.
"އޭގެ ތާރީޚަށް ބަލާއިރުގަ އެކަން ހިނގާފަ އޮންނަ ގޮތަކީ ތަންކޮޅެއް ކުރީގަ ރާއްޖޭގަ ހިނގާދިޔަ ހާދިސާއެއް. އެއް އާއިލާއެއްގެ ކުޑަކުއްޖަކާ އަނެއް އާއިލާއެއްގެ މީހަކު މި ބެހޭކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއް. މި މައްސަލައިގަ މި އަނިޔާ ލިބޭ ކުއްޖާގެ އާއިލާއިން، އެ މައްސަލަ ޕޮލިސްއަށް ހުށަހަޅައިގެން އެ މައްސަލަ ބަލާދޭތޯ އުޅެ އުޅެ އުޅެ އެއްގޮތަކަށްވެސް އެ މައްސަލަ ބައްލަވައެއް ނުދެއްވި. ބައްލަވާ ނުދެއްވަން މި ދިމާވާ މައްސަލައަކީ، އަނިޔާ ކުރިކަމަށް ތުޙުމަތު ކުރެވޭ މީހާގެ އާއިލާގެ މީހެއް، ޕޮލިސް ސަރވިސްގެ ވަޒީފާގަ އުޅެނީ، ނުވަތަ ކޮންމެސް އިސް މަޤާމެއްގަ އުޅޭތީ، އެ މައްސަލަ ބެލޭގޮތް ނުވަނީ. ދެން މިކަމެއްގަ ތަޅާފޮޅަމުންގޮސް، މި މައްސަލަ ހުށަހަޅާ މިހެން ހަދަމުންގޮސް، އެންމެފަހުން އެ ދެ އާއިލާގެ މީހުން ނުކުމެ ތަޅާފޮޅައިގަނެ، އެކަކު ބޮލަށް ވަޅިޖަހައިގެން، އެ ވަޅިއާ އެއްކޮށް މާލެއަށް ގެނެސް ހޮސްޕިޓަލަށް ގެންދިޔައީ. ދެން އެ މައްސަލައިގަ އެކަން އެހެން ދިމާވީމަ، އޭރު ޤާނޫނުއަސާސީ ލިޔަމުންދިޔައިރުގަ މި ލިޔުނީ، މައްސަލައެއް ހުށަހަޅައިގެން ބަލައިނުދީފިއްޔާ، އެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމުގެ ބާރު، އެ މައްސަލަ ހުށަހަޅާ މީހާއަށް ލިބިގެންވެޔޭ، އަދި އެ މައްސަލައަކީ ބަލަންޖެހޭ މައްސަލައެއް ކަމަށް ޕްރޮސެކިއުޓަރަށް ފެންނަންޏާ އެ މައްސަލަ ބަލަން އަމުރުކުރުމުގެ ބާރުވެސް ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިގެންވޭ"، ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ހަމަ މިފަދައިން، ކޯޓުތަކުން މިހާރު ގެންގުޅުއްވާ މައްސަލަ ބަލައިނުގަތުމުގެ މަބްދަޢު އެގޮތަށް އޮންނަ ނަމަ، ރައްޔިތުން އަމިއްލައަށް ޤާނޫނު ތަންފީޒު ކުރަން ފެށުމުގެ ފުރުޞަތު އޮތްކަމަށެވެ.
ހަމަ މިއާއިއެކު، މައުލޫމާތު ހާމަ ނުކުރުމަކީ ސަރުކާރުގެ އެކިއެކި ފަރާތްތަކުން މިހާރު ގެންގުޅޭ އުސޫލަކަށް ވެފައިވާ ކަމަށާ، އޭގެ ސަބަބުން ރައްޔިތުންނަށް އަދުލު އިންސާފު ލިބޭނެ ކަމުގެ އިހުސާސް ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވަނީ މިހާރު މީޑިއާއަށް ކުރިމަތިވަމުންދާ އެކިއެކި ހުރަސްތަކުގެ ވާހަކަ އާއި، ޚާއްސަކޮށް އެކަމުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދައުރު ފާހަގަކުރައްވާ އެކަންކަން ކުށްވެރި ކުރައްވާފައެވެ.