ގއ. ވިލިނގިލީ ކައިރީގައި އޮންނަ ފަޅު ރަށަކަށް ގޮސް އުޅެނިކޮށް، ގެނބިގެން ނިޔާވި ފުލުސް މީހާގެ ހަށިގަނޑާއި އަނިޔާވި މީހާ މިރޭ މާލެ ގެނައުމަށް ހަމަ ޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ގއ. ވިލިނގިލީ ކައިރީގައި އޮންނަ ފަޅު ރަށަކަށް ގޮސް އުޅެނިކޮށް ގެނބިގެން ނިޔާވި ފުލުސް މީހާއާއި އެ ހާދިސާގައި އަނިޔާވި ފުލުސް މީހާ މިރޭގެ ވަގުތެއްގައި މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމީހުން މާލެ ގެންނަން ހަމަޖެހިފައިވާ ގަޑިއެއް ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މިރޭ 11:15 ހާއިރުއެވެ.
ގެނބިގެން ނިޔާވެފައިވަނީ ފުލުހުންގެ ކޮންސްޓަބަލް މުހައްމަދު ހަނީފުއެވެ. އޭނާގެ ހަށިގަނޑު މިވަގުތު އޮތީ، ގއ. ވިލިނގިލީގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނީފްގެ ހަށިގަނޑު އޭނާގެ އުފަން ރަށް ކ. ކާށިދޫއަށް ގެންދިއުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ހަނީފު ނިޔާވީ ގއ. ވިލިނގިލީ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ، ގއ. ރައިވެއްރެހާއަށް ގޮސް، އޭނާގެ އަންހެނުންނާއެކު މޫދަށް އެރި އުޅެނިކޮށެވެ. ހަނީފު ގެނބުނީ އެ ސަރަހައްދު މޫދުގައި އޮއި ބާރުވެފައި ވަނިކޮށެވެ. ހަނީފަށް ފަތަން އެނގުނުނަމަވެސް އޭނާ ގެނބެން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.
ބައެއް މީޑިއާތަކަށް އޭނާގެ އަންހެނުން ލަބީނާ ކިޔައިދިން ގޮތުގައި ފިރިމީހާ އޮޔާ ދިޔަ ވަގުތު، "ގޮތެއް ވާ ކަމަށް" ބުނި ކަމަށެވެ. ހަނީފުގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ގެނބުނުތާ ދެ ގަޑިއިރު ފަހުންނެވެ.
ގއ. އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފުލުސް މީހާ ނިޔާވެފައިވާ ކަމަށެވެ.