މިދުވަސްވަރަކީ އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވާ ދުވަސް ވަރަކަށް ވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ، މިހާތަަނަށް އެއް ކުރެވިފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އަރިދަފުސް ރޯގާ ފެތުރޭ މިންވަރު، އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިނުވާ ކަމަށެެވެ. މި ފާއިތުވެދިޔަ އަހަރުތަކަށް ބަލާ އިރު މި ދުވަސް ވަރު ރޯގާ އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. އަދި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ ތެރެއިން އިންފްލުއެންޒާ ޖެހޭ މީހުން އަބަދުވެސް ކޮންމެވެސް ވަރަކަށް އަހަރުގެ ހުރިހާ ދުވަސް ވަރެއްގައި ފެންނަމުންދާކަން އެޗްޕީއޭއިން ފާހަގަކުރި އެވެ.
އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފަދަ ބަލިތައް ޖެހުމުން މާބަނޑު މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ފަރުވާ ދޭންޖެހޭ ފަދަ ބައްޔެއް ހުންނަ މީހުންގެ ބަލި ހާލަތު ބޮޑުވެ އެވެ.
މި ކެޓަގަރީތަކަށް ނިސްބަތްވާ ފަރާތްތަކުން އިންފްލުއެންޒާ ޖެހުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ވެކްސިން ޖެހުމުން އެއް އަހަރުގެ މުއްދަތަކަށް ހަށިގަނޑު ރައްކާތެރިކޮށްދެ އެވެ. މާލޭގައި ވެކްސިން ޖަހާދެނީ ދަމަނަވެށިންނެވެ. އަތޮލު ތެރޭގައި ހޮސްޕިޓަލްތަކުންނާއި ސިއްހީ މަރުކަޒުތަކުން ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މިފަދަ ކެޓަގަރީތަކަށް ނިސްބަތްވާ ފަރާތްތަކަށް ރޯގާ ޖެހިއްޖެ ނަމަ، ހާއްސަ ސަމާލު ކަމެއްދީގެން ލަސް ނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދެއްވުމަށް އެ އޭޖެންސީ އިން އިލްތިމާސްކުރެ އެވެ.
މީގެ އިތުރުން އާންމު ސާފުތާރިހުކަމާއި ކެއްސާ ކިނބިހި އަޅާ ކަމުގައިވާނަމަ، ޓީޝޫ ނުވަތަ ކުޑަ ރުމާލެއް ބޭނުން ކުރުމަށް އެޗްޕީއޭއިން ބުނެ އެވެ.