ކުންފުނިތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދައިފި ނަމަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދަން ނުޖެހި އެއަރޕޯޓްގެ މަސައްކަތް ކުރެވުނީސް ކަަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި އެވެެ.
ޑރ ޖަމީލު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ސަރުކާރު ކުންފުނިތަކުން ވަގަށްނަގާފައިވާ ފައިސާތައް އަނބުރާ ހޯދައިފި ނަމަ، އެއަރޕޯޓްގެ ޓާމިނަލް މަސައްކަތް ކުރެވުނީސް ކަަމަށެވެ. މި ސަރުކާރަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.
Terminal could’ve been completed without amassing foreign debt by recovering the millions stolen from Govt companies.Govt can’t be trusted
— Mohamed Jameel Ahmed (@MJameelAhmed) October 18, 2017
މިފަަދަ ގޮތަކަށް ޖަމީލް ޓްވީޓް ކުރެއްވި އިރު ސަރުކާރުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ފާހަގަކުރާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި 1.22 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަަގަކޮށްފައިވެ އެވެ.
ޖަމީލު މިހެން ޓްވީޓުކުރައްވާފައިވަނީ ރައީސް ޔާމީން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އަބޫދާބީ ފަންޑާއި އެކު 50 މިލިއަން ޑޮލަރުގެ ލޯން އެހީގައި ސޮއިކޮށްފައިވަނިކޮށެވެ. އެއަރޕޯޓްގެ ޓާމިނަލް މަސައްކަތް ކުރުމަށް ސަރުކާރުންް މި ލޯން އެއްބަސްވުމުގައި ސޮއި ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއުގެ ތެރެއިން އެކި މަސައްކަތްތައް ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން މީގެ ކުރިންވެސް ވަނީ ލޯންގެ އެހީ ހޯދާފަ އެވެ.
އެގޮތުން ކުވައިތު ފަންޑް ފޯ އަރަބިކް އިކޮނޮމިކް ޑިވެލޮޕްމެންޓުން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުން 100 މިލިއަން ޑޮލަރާއި އޮޕެކް ފަންޑު ފޯ އިންޓަރނޭޝަނަލް ޑިވެލޮމްނެޓް (އޮފިޑް) އިން 100 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ސަރުކާރުން ހޯދާފައިވެ އެވެ. އަދި މިލޯނުތައް ދެއްކޭނެ ގޮތްތަކެއް ސަރުކާރުން ވިސްނާފައިނުވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.