ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ޖަލްސާތައް ހާޒިރު ނުވެގެން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށް، އަދި އަދާކުރަމުންދާ ވަޒީފާގެ މަގާމު ދަށް ނުކުރާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ބުދަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދަޅުވީ، ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ. އަދި އެޖަލްސާގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތުތަކާއި ކުރިއަށް ރޭވިފައިހުރި އަދި ވަރަށް ޝައުގުވެރި ވާހަކަތައް އިވިގެންދާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ވަޒީފާގެ ބިރުދައްކާ މަޖުބޫރު ކުރުވައިގެން ޕީޕީއެމުން ޖަލްސާތަކަށް މީހުން ހާޒިރު ކުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އަބްދުރަހީމް ވިދާޅުވީ، މަޖުބޫރުކޮށްގެން އެއްވެސް މީހަކު ޖަލްސާއަށް ހާޒިރުކޮށްފައި ނުވާނެ ކަމަށާއި އަދި ޕީޕީއެމުން ބޭއްވި ޖަލްސާއަކަށް ހާޒިރުނުވެގެން މިހާތަނަށް އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށެވެ.
"ޕީޕީއެމްގެ އެއްވެސް ޖަލްސާއަކަށް އަދި ރެލީއަކަށް އެއްވެސް މީހަކު ހާޒިރު ނުވެގެންނެއް ސަރުކާރުން އަދި ސަރުކާރު ކުންފުންޏަކުންވެސް އެއްވެސް ފިޔަވަޅެއް ނާޅާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޕީޕީއެމުން ބުނީ ޕީޕީއެމްގެ ޖަލްސާތައް ތައްޔާރުކުރުމާއި ރެލީތަކުގައި ބޭނުންކުރާ ސަރުކާރު އޮފިސްތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކުރަނީ އެކަމަށް ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ކުއްޔަށް ނުވަތަ ފީއެއް ދައްކައިގެން ކަމަށެވެ.
އަދި ޕީޕީއެމުން ބާއްވާ ހާއްސަ ޖަލްސާތަކާއި އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގެ އިންތިޒާމުތަކާއި ކަންކަމުގައި ސަރުކާރުގެ އަދި ދައުލަތުގެ މުވައްޒަފުން ބައިވެރިވުމަކީ އެއީ މައްސަލައެއް ނޫން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެގޮތަށް އެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން އެކަމުގައި ޝާމިލުވެ އުޅެނީ ޕީޕީއެމަށާއި ރައީސް ޔާމީންގެ ސަޕޯޓުކުރާތީ ކަމަށާ، އެމީހުންގެ އަމިއްލަ ރުހުމުގައި އެމަސައްކަތުގައި އުޅުމަކީ މައްސަލައެއް އޮންނަންޖެހޭ ކަމެއްކަމަށް ދެކިނުލައްވާ ކަމަށެވެ.