ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދިވެހިން، ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯނަށް ލިބުނު ޖުމްލަ 5.16 މިލިއަނަށް ވުރެ ގިނަ ރުފިޔާ މޯލްޑިވްސް ރެޑްކްރެސެންޓްއާއި ހަވާލުކުރިފަހުން އޭ ގެ ތެރެއިން 3.7 މިލިއަން ރުފިޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑްކްރެސެންޓާއި ހަވާލު ކޮށްފައިވާކަމަށް މޯލްޑިވްސް ރެޑްކްރެސެންޓްއިން ބުނެފިއެވެ.
ރާއްޖެޓީވީގެ މާކެޓިން ހެޑް އައިމިނަތު ރީޝާ ވިދާޅުވީ އައިއެފްއާރުސީއާއި ހަވާލު ނުކުރެވި ހުރި ކަމަށް ރާއްޖޭގެ ރެޑްކްރެސެންޓުން ބުނަނީ ގާތްގަޑަކަށް 1.3 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެފައިސާވެސް ޑޮލަރަށް ބަދަލުކޮށް ވަރަށް އަވަހަށް ހަވާލު ކުރެވިގެންދާނެ ކަމަށް އެފަރާތުން ރާއްޖެޓީވީއަށް މައުލޫމާތު ދީފައިވާ ކަމަށް ރީޝާ ވިދާޅުވިއެވެ.
ސެޕްޓެމްބަރު 10 ވީ އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:42 އިން ފެށިގެން 30 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޓެލެތޯނަކީ މިހާތަނަށް ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަނަކުން ބޭއްވި ފުރަތަމަ ޓެލެތޯން ކަމަށާއި އަދި ޓެލެތޯނުގެ ވަގުތާ، ދިގުމިނާ އަޅާބަލާއިރު، މިވަރުގެ ކާމިޔާބު ޓެލެތޯނެއް ރާއްޖޭގައި ހިންގިފައިނުވާކަމަށް ރާއްޖެޓީވީގެ މެނޭޖްމަންޓުން ބުނެއެވެ.
މި ޓެލެތޯނަށް ލިބުނު ފައިސާ އަމާނާތްތެރިކަމާއި އެކުގުނާ އަދަދު ކުރުމުގައި، ޓެލެތޯންގެ އޯޑިޓަރެއްގެ ގޮތުގައި ހަމަޖެއްސާފައިވަނީ ރާއްޖޭގެ އޭ ގްރޭޑްގެ އޮޑިޓް ފާމެއްކަމުގައިވާ އެމްއެޗްޕީއޭއެވެ.
މި ޓެލެތޯނަކީ ރާއްޖެޓީވީއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ޓެލެތޯނެއް ނަމަވެސް މި ފައިސާ ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނާ ހަވާލުކުރަމުންދަނީ ދިވެހި ރައްޔިތުންގެ ނަމުގައެވެ. މި ފައިސާ ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނާ ހަވާލުކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރަނީ މޯލްޑިވްސް ރެޑްކްރެސެންޓެވެ. ރާއްޖެޓީވީ އިން ވަނީ އެ ޓެލެތޯނަށް ލިބުނު ފައިސާ މޯލްޑިވްސް ރެޑްކްރެސެންޓާއި އެއްފަހަރާ ހަވާލު ކޮށްފައެވެ. މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ރޮހިންޖާ މުސްލިމުންގެ ބޭސް ފަރުވާއަށާއި، ކާނާއަށާއި، ބޯފެނާއި ފާޚާނާ އާއި ގުޅޭ ކަންކަމަށެވެ.