ގއ. ވިލިނގިލީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ނަޒްލީން ނަޖީބު ވިދާޅުވީ، އެކްސިޑެންޓްވި ފުލުސް މީހާ އިތުރު ފަރުވާ އަށް މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އުމުރުން 25 އަހަރުގެ މި ފުލުސް މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. މިހާދިސާގައި އަނިޔާވި ދެވަނަ މީހާގެ ފަޔަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ގއ. ހޮސްޕިޓަލުން ބުނެ އެވެ.
ފުލުހުން ބުނީ މިހާދިސާގައި ޒަހަމްވި ދެމީހުންނަށް ގއ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. އޭގެ ބޮޑަށް އަނިޔާވީ ފުލުހުންގެ މީހަކަށެވެ. އެއީ ފ. ނިލަންދޫ، ފިޔަނޫމާގެ، އަހްމަދު ނަދީމްއެވެ.
މިހާދިސާގައި ހިނގާފައި ވަނީ 11:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ވިލިނގިލި އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާވި، ފުލުސް މީހާގެ މޫނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ، މޫދަށް އެރި ގެއްލިގެން ހޯދަމުން ދިޔަ ދެމަފިރިން ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދަނިކޮށް ކަމަށް ފުއާދު ވިދާޅުވި އެވެ.