އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) އިންޑަސްޓްރީ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން " ފައިވް ބެސްޓް އެޕް" ޗެލެންޖުގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެފަދަ މުބާރާތެއް އިއުލާނު ކުރުމުގެ މަގްސަދަކީ، މިދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދަދިނުން ކަމަށެވެ.
ހުރިހާ ދާއިރާތަކެއް ހިމެނޭގޮތަށް، މުޖުތަމައުއަށް ބޭނުންތެރި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއަރ އުފެއްދުމުގެ މުބާރާތެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ 12 ނޮވެމްބަރ ވާ އާދިއްތަ ދުވަސް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެ އެވެ.
ބައިވެރިވުމަށްއެދި ފޯމް ހުށައެޅި ފަރާތްތަކުން، އެފަރާތްތަކުން ބައިވެރިކުރާ ސޮފްޓްވެއަރގެ ޕްރެޒެންޓެޝަން ދިނުން އޮންނާނީ މިފެށެ ނޮވެމްބަރ 20 އިން 23 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
މިމުބާރާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޕޭޕަރ އަދި ބައިވެރިވުމަށް އެދޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.