އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ސިލްކް ރޯޑް މޭޔާސް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް އަފްޣާނިސްތާނަށް ފުރާވަޑައިގަންނަވައިފި އެވެ.
މިއީ 12 ވަނަ ސިލްކް ރޯޑް މޭޔާސް ފޯރަމެވެ.
މި ފޯރަމަކީ މެމްބަރުންގެ މެދުގައި އޮންނަ ވިޔަފާރި އާއި ސަޤާފީ އަދި ފަރުދީ ގުޅުން ވަރަގަދަކޮށް ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މި މަޝްވަރާތަކުގެ ސަބަބުން މެމްބަރު ސިޓީތަކާއި ޤައުމުތަކުގެ ޓޫރިޒަމް އަދި ވިޔަފާރީގެ މުޢާމަލާތް ފުޅާކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ އެވެ.
ސިލްކް ރޯޑް މޭޔާސް ފޯރަމަކީ 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ. މި އަހަރު މި ފޯރަމް ކުރިއަށް ދާނީ މިމަހުގެ 20 ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގަ އެވެ.
މި ފޯރަމަކީ ވޯލްޑް ސިޓިޒެންސް އޯގަނައިޒޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ.
ވޯލްޑް ސިޓިޒެންސް އޯގަނައިޒޭޝަނަކީ 1987 ވަނައަހަރު އުފެދުނު ޖަމިއްޔާއެކެވެ. މި ޖަމިއްޔާއަކީ ޤައުމުތަކުގެ މެދުގައިވާ އެކި ކަހަލަ ގުޅުންތައް ވަރުގަދަކޮށް އެކުވެރިކަން އާލާކުރުމުގެ މަޤްސަދުގައި އުފެދިގެން އައި ޖަމިއްޔާއެކެވެ. ޖަމިއްޔާގެ ޝިޢާރަކީ ކޮންމެ އިންސާނެއް ވެސް އަދި ދުނިޔޭގެ ކޮންމެ ތަނެއް ވެސް ތަފާތު ކަމެށެވެ.
ސިލްކް ރޯޑް މޭޔާރސް ފޯރަމް މިދިޔަ އަހަރު ބާއްވާފައި ވަނީ އީރާންގެ ތެހަރާންގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.