މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ނިންމި މައްސަލަތަކުގެ ތެރޭގައި ވެސް އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 158 މައްސަލައެއް ބަލާ ނިންމާފައިވެއެވެ. 2016 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 83 މައްސަލައެއް ބަލާ ނިންމާފައިވެއެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގަވާއިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން ގަވާއިދާ ޚިލާފުވުމުގެ 50 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުމުގެ 43 މައްސަލައެއް ނިންމާފައިވެއެވެ.
ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 9 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ 3 މައްސަލައަކާއި އަދި ރިޝްވަތުގެ 7 މައްސަލައެއް ވެސް މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވެއެވެ.
އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ނުވަމަސް ދުވަހުގެ ތެރޭގައި 815 މައްސަލަ ކޮމިޝަނުން ބަލާ ނިންމާފައިވެއެވެ. މީގެތެރެއިން 265 މައްސަލައަކީ 3 ވަނަ ކުއާޓަރ ގައި ނިންމާފައިވާ މައްސަލައެވެ. މިއީ 2016 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 57.74 އިންސައްތަ އިތުރު އަދަދެކެވެ. 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 168 މައްސަލައެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 265 މައްސަލައިގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 258 މައްސަލައެވެ. 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 166 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.
ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 7 މައްސަލައެއް މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ނިންމާފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 2 މައްސަލައެކެވެ.