ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ)އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ޔޫއޭއީގައި ދިރިއުޅުއްވަމުންގެންދަވާ ދިވެހި ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކޮށްލެއްވުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެންމެ ރަނގަޅު ސަފީރުންނަކީ ސިޔާސީގޮތުން އައްޔަނުކުރެވޭ ސަފީރުން ނޫން ކަމަށާއި، އެންމެ ރަނގަޅު ސަފީރުންނަކީ ރާއްޖޭން ބޭރުގައި ދިރިއުޅުއްވާއިރު އަހުލާގީ މިންގަނޑު ހިފަހައްޓަވާ، ދިވެހިންގެ ގަދަރު ނުވެއްޓޭ ގޮތަށް ދިރިއުޅުއްވުން ބައްޓަންކުރައްވާ ބޭފުޅުންކަމުގައެވެ. އަދި، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޔޫއޭއީގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ރައްޔިތުންނަކީ ހަރުދަނާ އަހުލާގެއްގެ ވެރި ބައެއް ކަމަށެވެ. އަދި ދިވެހިންގެ ގަދަރު ހިފެހެއްޓުމަށާއި އަހުލާގީ ފެންވަރު ރަނގަޅުގޮތުގައި ހިފެހެއްޓުންމަތީ ދެމިތިބުމަށް ރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މީގެ އިތުރުން ރާއްޖެއަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ގާއިމުކުރެވިދާނެ ފަދަ ތަނެއްކަން ފާހަގަކުރައްވައި، މިކަން ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.
ރައީސް ޔާމީންގެ ދެކަނބަލުން ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކިދާއިރާތަކުން ރާއްޖެ އާއި ޔޫއޭއީއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.