ދެމެހެއްޓެނިވި ނޫން ގޮތްތަކަށް ކުރެވޭ މަސްވެރިކަމުގެ ސަބަބުން ދުނިޔޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ގޮވާލައްވައިފި އެވެ.
މިނިސްޓަރު ޝައިނީ މިފަދައިން ގޮވާލައްވާފައި ވަނީ ޕޯޗުގަލްގައި ކުރިއަށްދާ ދުނިޔޭގެ ފުރަތަމަ "ވަން-ބައި-ވަން ޓޫނާ ފިޝަރީޒް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުންނެވެ.
ޝައިނީ ވިދާޅުވީ ދާއަޅައިގެން ބޮޑެތި އަދަދުތަކުން މަސްވެރިކަން ކުރާ ފަރާތްތަކުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރާ ރާއްޖެ ފަދަ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް މާކެޓްތައް ގެއްލި އިގްތިސާދީ ގޮތުން ގެއްލުންތައް ވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރާކަން ޔަގީންކުރުމަށް އެކިއެކި ނަންނަމުގައި ސެޓްފިކޭޝަންތައް ދޫކުރަމުންދާކަން ފާހަގަކުރައްވައި ޝައިނީ ވިދާޅުވީ އެ ސެޓްފިކޭޝަންތައް ހޯދައި ދެމެހެއްޓުމަށް ވަރަށް ބޮޑު އަގެއް ޚަރަދުކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ވެސް ވެފައި ވަނީ ރާއްޖެ ފަދަ "ފަހަރަކު މަހެއް" ބާނާ ގައުމުތަކަށް ދިމާވާ ގޮންޖެހުމަކަށެވެ. އެހެންނަމަވެސް، ދެމެހެއްޓެނިވި ގޮތުގައި ބާނާފައިވާ މަސްކަން ހައި އެންޑް ކޮންސިއުމަރުންނަށް ޔަގީންކޮށް ދިނުމަށް ބޮޑު އަގުގައި ސެޓްފިކޭޝަންތައް ހޯދަމުންދާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް ކުރެވޭ މަސްވެރިކަން ވެސް ސަޓިފައިޑް މަސްވެރިކަން ކަމުގައި ކަނޑައަޅާ ސެޓްފިކެޓް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރުމަކީ ރާއްޖެ ފަދަ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ގައުމުތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
މޫސަމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް ކުރެވޭ މަސްވެރިކަމުގެ ސަބަބުން ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ތިމާވެއްޓާ ރައްޓެހި ގޮތަށް "ފަހަރަކު މަހެއް" ބޭނުން ޕްރޮމޯޓް ކުރުމަށް ހުރިހާ ގައުމުތަކާއި ޖަމިއްޔާތަކަށް މިނިސްޓަރު ގޮވާލެއްވި އެވެ.
"ވަން-ބައި-ވަން ޓޫނާ ފިޝަރީޒް ކޮންފަރެންސް" އަކީ ދުނިޔޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސްވެރިން ބައިވެރިވާ ކޮންފެރެންސެކެވެ. ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ގައުމުތައް ގުޅިގެން މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭ ގޮތުން މި ކޮންފެރެންސްގައި މަޝްވަރާކުރި އެވެ. މިއީ ގައުމުތަކުގެ ވެރިންނާއި، ކޮންސިއުމަރުންނާއި، ރީޓެއިލަރުންނާއި، ބްރޭންޑްތަކުގެ އިތުރުން ދިރާސާ ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ.